ޚަބަރު

މެދުއިރުމަތީގެ ކޯވިޑް-19 ޙާލަތާމެދު ޑަބުލިޔުއެޗުއޯއިން ކަންބޮޑުވެއްޖެ


މެދުއިރުމަތީގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވުމުގެ ނަތީޖާ ވަރަށް ބޮޑަށް ގޯސްވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން ދީފިއެވެ.

އިރުމަތީ މެޑިޓެރޭނިއަން ސަރަޙައްދުގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރާއި ބަލީގައި މަރުވާ މީހުންގެ ޢަދަދު ފާއިތުވި 8 ހަފުތާގެ ތެރޭގައި ދަށުގައި އޮތުމަށްފަހު ލީބިޔާއާއި އީރާނާއި ޢިރާޤާއި ތޫނިސްގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ އިތުރުން ލުބުނާނާއި މަޣްރިބުގައި ބަލިފެތުރޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ. ޑަބުލިޔުއެޗުއޯއިން ބުނެފައިވަނީ ބަލީގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ހަލުވިކަމާއެކު ފެތުރޭ ދަނޑިވަޅެއްގައި ވެކްސިން ލިބުމުގައި ދަތިތަކެއް ހުރުމުން ބަލިފެތުރޭ މިންވަރު އިތުރުވުމުގެ ފުރުޞަތު އިތުރުވާނެކަމަށެވެ.

އިރުމަތީ މެޑިޓެރޭނިއަން ސަރަޙައްދުގައި މިހާތަނަށް 11.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 223،000އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ. އަދި މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ތޫނިސްގައިކަމަށާއި އީރާނުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 4 ހަފުތާގެ ތެރޭގައި ދެ ގުނައަށް އިތުރުވެފައިވާކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

އަންނަ ހަފުތާގެ ތެރޭގައި އިސްލާމީ ޤައުމުތަކުގައި އަޟްހާ ޢީދު ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ޢީދާ ދިމާކޮށް ދީނީ އަދި އިޖުތިމާޢީ ގިނަ އެއްވުންތައް ބާއްވައިފިނަމަ ބަލިފެތުރޭ މިންވަރު އިތުރުވުމުގެ ފުރުޞަތު ބޮޑެވެ. ޑަބުލިޔުއެޗުއޯއިން ބުނީ ޢާންމު ޞިއްޙަތާއި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކަށް ޢަމަލުކުރާ މިންވަރު ދަށަށް ގޮސް މުޖުތަމަޢުގެ ތެރޭގައި ފަރުވާކުޑަކަން އިތުރުވެއްޖެނަމަ އެ ކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ.