ޚަބަރު

އަފްޣާނިސްތާނުގެ ސަރުކާރުގެ ބަހައި ޢަމަލެއް ދިމައެއް ނުވޭ: ރަޝިޔާ


އަފްޣާނިސްތާނުގެ ސަރުކާރުގެ އިސްވެރިންގެ ބަހައި ޢަމަލެއް ދިމާނުވާކަމަށް ރަޝިޔާއިން ބުނެފިއެވެ.

ފާއިތުވި 20 އަހަރު ދުވަހު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވި އެމެރިކާގެ ސިފައިންނާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯގެ ސިފައިން އެ ޤައުމުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެ ގޮތުން މިހާތަނަށް ޖަރުމަންވިލާތާއި އިޓަލީވިލާތާއި އިނގިރޭސވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އޮގަސްޓު 31ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްވެސްވަނީ ނިންމައިފައެވެ. ބޭރުގެ ފައުޖުތައް ފޭބުމުން އަފްޣާނިސްތާނުގައި ޠާލިބާނުންގެ ނުފޫޒާއި ބާރު ވަރަށް ބޮޑަށް އިތުރުވެ ފާއިތުވި ދުވަސްތަކުގައި އެ ޖަމާޢަތުންވަނީ އަފްޣާނިސްތާނުގައި ދެމުންދާ ޙާމަލާތައް އިތުރުކޮށްފައެވެ. އެ ޤައުމުގެ ސަރަޙައްދުތަކުގެ 85 އިންސައްތަ އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައިކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ. އަދި އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގުވެސްވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެއީ އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބާރުބޮޑު ސަރަޙައްދީ ރޮނގެވެ.

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ޙާލަތާ ގުޅޭގޮތުން ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަނަށް ނިޞްބަތްވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ތަޖިކިސްތާނުގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުންތަކުގެ ކުރިން ވާހަކަދައްކަވަމުން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ޒަމީރު ކަބުލޮވު ވިދާޅުވީ ވަޤުތު ފާއިތުވުމުގެ ކުރިން ޤައުމުގެ ކުރިމަގާމެދު އަފްޣާނިސްތާނުގެ ސަރުކާރުން ޠާލިބާނުންނާއެކު ރަނގަޅު މަޝްވަރާތަކެއް ކުރަންޖެހޭކަމަށެވެ. މަޝްވަރާކުރުމަށް ބޭނުންވާކަމަށް އަނގަބަހުން ބުނެގެން ނުފުދޭކަމަށާއި ޢަމަލީގޮތުން އެކަން ދައްކަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަނެވޭނެ ހަމައެކަނި މަގަކީ ހުރިހާ ފަރާތްތަކުން އެއް މޭޒެއްގެ ދޮށަށް އެއްވެ މަޝްވަރާކުރުންކަން ފާހަގަކުރައްވަމުން ކަބުލޮވު ވިދާޅުވީ ރަޝިޔާއާއި އެހެނިހެން ސަރަޙައްދީ ބާރުތަކުން ބޭނުންވަނީ އަފްޣާނިސްތާނުގައި އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމަށްކަމަށެވެ.