ޚަބަރު

ބުރެޒިލުގެ ރައީސް ހަފަތާލުގައި، އޮޕަރޭޝަނެއްކުރަން ޖެހިދާނެ


ބުރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯ ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.

2018ވަނަ އަހަރު ބުރެޒިލުގެ ރިޔާސީ އިންތިޚާބުގެ ކުރިން ބޮލްސޮނާރޯއަށް ބަޔަކުވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގައި ލިބުނު ޒަޚަމުތަކުގެ ސަބަބުން ގިނަ އޮޕަރޭޝަންތަކެއް އޭނާވަނީ ކުރައްވައިފައެވެ. އެ ޙަމަލާގައި ލިބުނު ޒަޚަމުތަކުގެ ސަބަބުން އޭނާއަށް އަދިވެސް ޞިއްޙީ އުނދަގޫތަކެއް ކުރިމަތިވެވަޑައިގަންނަވައެވެ.

ބުރެޒިލުގެ ރިޔާސީ އިދާރާއިން ބުނެފައިވާ ގޮތުގައި އިތުރު ތަޙްލީލުތަކެއް ކުރުމަށް ޖުލައި މަހުގެ 14ވަނަ ދުވަހު އެ ޤައުމުގެ އަސްކަރީ ހަސްފަތާލަކަށް ބޮލްސޮނާރޯ ވަޑައިގެންނެވިކަމަށެވެ. އަދި 2018ވަނަ އަހަރުގެ ތެރޭގައި ބޮލްސޮނާރޯގެ އޮޕަރޭޝަން ކުރި ޑރ. އެންތޯނިޔޯ ލުއީޒު މާސެޑޯވަނީ ގޮހޮރުގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަކޯށް ސައޯ ޕައުލޯގައި ހުންނަ ދަ ވިލާ ނޯވާ ސުޓާ ހަސްފަތާލަށް ބޮލްސޮނާރޯ ގެންގޮސް އިތުރު ތަޙްލީލުތައް ކުރަން ބޭނުންވާކަމަށް ބުނެފައެވެ. އަދި ކުއްލި އޮޕަރޭޝަނެއް ކުރަންޖެހިދާނެކަމަށްވެސް ޑޮކްޓަރުވަނީ ބުނެފައިވެއެވެ. އެއާއެކު ބޮލްސޮނާރޯވަނީ އެ ހަސްފަތާލަށް ބަދަލުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޮލްސޮނާރޯ އޮންނެވީ އައިސީޔޫގައެވެ. އަދި ގޮހޮރުގައި ދިޔަ އުފެދި އެ ދިޔަތައް ނޭވާހޮޅިއަށް އެޅިދާނެތީ ނޭވާލުމަށްވަނީ ހޮޅިލައްވާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ބޮލްސޮނާރޯއަށްވަނީ ކޯވިޑް-19ވެސް ޖެހިފައެވެ.