ޚަބަރު

އިސްރާއީލުގައި އެންބަސީއެއް ހުޅުވި ފުރަތަމަ ޢަރަބި ޤައުމަކަށް ޔޫއޭއީ


ޔޫއޭއީގެ އެންބަސީއެއް އިސްރާއީލުގައި ހުޅުވައިފިއެވެ. މިއީ ގަލްފުގެ ޤައުމަކުން އިސްރާއީލުގައި އެންބަސީއެއް ހުޅުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުގެ އެހީތެރިކަމާއެކު ޢަރަބި ގިނަ ޤައުމުތަކަކުންވަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ގުޅުންބަދަހިކޮށްފައެވެ. އަބުރަހަމު އެކޯޑުގެ ދަށުން އިސްރާއީލާއެކު ގުޅުން ބަދަހިކުރި ޢަރަބި ޤައުމުތަކުގެ ތެރޭގައި ޔޫއޭއީއާއި މިޞްރާއި ބަޙްރައިނާއި މަޣްރިބާއި އުރުދުންނާއި ސޫދާން ހިމެނެއެވެ. އިސްރާއީލާއެކު ޚާރިޖީ ގުޅުން ބަދަހިކުރުމުގެ އިތުރުން ސަލާމަތީ ދާއިރާއިންނާއި ޖާސޫސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް އެ ޤައުމުތަކުން އެއްބަސްވިއެވެ. ޔޫއޭއީގެ ޚާރިޖީ އިދާރާއެއް އިސްރާއީލުގައި ހުޅިވާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އިސްރާއީލުގެ އެންބަސީއެއް އެ ޤައުމުގައި ހުޅުވާފައިވަނިކޮށެވެ.

ތެލް އަބީބު ސުޓޮކް އެކްސްޗޭންޖުގައި ޔޫއޭއީގެ އެންބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއޭއީން އިސްރާއީލަށް ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު އަލްޚާޖާ ވިދާޅުވީ އިސްރާއީލާއި ޔޫއޭއީއާ ދެމެދު ގުޅުންބަދަހިކުރިފަހުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާ ގުޅޭ ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ. އަދި އިޤްތިޞާދާއި ދަތުރުފަތުރާއި ޘަގާފަތާއި ޓެކްނޮލޮޖީގެ ދާއިރާ ހިމެނޭގޮތަށް ގިނަ ދާއިރާތަކަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ރައީސް އިސާކް ހަރުޒޮގު ވިދާޅުވީ ޔޫއޭއީގެ އެންބަސީއެއް އެ ޤައުމުގައި ހުޅުވުމަކީ މެދުއިރުމަތީގެ ކުރިމަގާއި ހަމަޖެހުމާއި ލާބައާއި ސަލާމަތާ ކައިރިއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި އަބޫ ޟާބީގައި އިސްރާއީލުގެ އެންބަސީއެއް ހުޅުވައި ދުބާއީގައި ކޮންސިއުލޭޓެއް ހުޅުއްވުމަށް އެ ޤައުމުގެ އައު ޚާރިޖީ ވަޒީރު ޔައިރު ލަޕީދުވަނީ ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ލަޕީދު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ގުޅުންބަދަހިކުރިފަހުން 675 މިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުންތަކެއްގައި ދެ ޤައުމުން ސޮއިކޮށްފައިވާކަމަށެވެ.

ޢަރަބި ޤައުމުތަކުން އިސްރާއީލާއެކު ގުޅުންބަދަހިކުރުމުން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ފަލަސްޠީނުން ބުނީ އިސްރާއީލާއެކު ޢަރަބި ޤައުމުތަކުން ގުޅުންބަދަހިކުރުމުން ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތަކަށް ހުރަސްއެޅޭކަމަށެވެ. ނަމަވެސް ޔޫއޭއީން މިދިޔަ އަހަރު ބުނެފައިވަނީ އިސްރާއީލާ ގުޅުންބަދަހިކުރުމުން އޭގެ ފައިދާ ފަލަސްޠީނަށް ކުރާނެކަމަށެވެ.