މުނިފޫހިފިލުވުން

"ހެލެން"ގެ މަސައްކަތް ފަށަން ޖާންވީ ތާއްޔާރު


މަންމަ ސްރީދޭވީގެ މަރަށް ފަހު ބޮލީވުޑަށް ތައާރަފުވި ޖާންވީ ކަޕޫރު އަންނަނީ ބޮލީވުޑުން ރަނގަޅު ފުރުސަތުތައް ހޯދަމުންނެވެ. ޖާންވީގެ އެންމެ ފަހުން ރިލީޒްކުރި "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާރލް" އަށްވެސް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

އަނެއްކާވެސް ޖާންވީ މިވަނީ އެހެން ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. މިފަހަރު ރީމޭކެކެވެ. މަލަޔާލަމް ފިލްމު "ހެލެން" ގެ ހިންދީ ރީމޭކް ގެ ޝޫޓިންތައް އަންނަ މަހު ފެށުމަށް ޖާންވީ އަންނަނީ ތައްޔާރުވަމުންނެވެ.

ފިލްމުގެ މަންޒަރުތަކުން ފުރަތަމަ ޝޫޓްކުރަން ނިންމާފައިވަނީ ސްޓޫޑިއޯގައި ނަގާ މަންޒަރުތަކެވެ. ދަތުރުފަތުރުކުރުމުގައި އަދިވެސް ހުރި ދަތިތަކުގެ ސަބަބުން އިންޑިއާއިން ބޭރަށް ދަތުރުކުރުމުގެ ބަދަލުގައި އިންޑިއާގެ އެކި ލޮކޭޝަންތަކުގައިވެސް ފިލްމު ނަގާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ފިލްމުގެ ހިންދީ ރީމޭކަށް އަދި ނަމެއް ފައިނަލް ނުވިނަމަވެސް ފިލްމުގެ ޓައިޓްލް އަކީ "މިލީ" ކަމުގައިވެސް އަޑުތައްވަނީ އަރާފައެވެ.

ޖާންވީގެ ބައްޕަ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އޮރިޖިނަލް ފިލްމުގެވެސް ޑައިރެކްޓަރ މަތުކުއްޓީ ޒޭވިއަރ އެވެ. މި ފިލްމުގައި ޖާންވީގެ ބައްޕަގެ ރޯލުން ފިލްމުގައި ފެނިގެންދާނީ ކުރީގެ އެކްޓަރ މަނޯޖް ޕަހްވާ އެވެ.

މަލަޔާލަމް ފިލްމު "ހެލެން" އަކީ ކެނެޑާއަށް ދިއުމަށް އަޒުމު ކަނޑައަޅައިގެން އުޅުނު ޒުވާން ނަރުހެއް ކުއްލިއަކަށް ވީނުވީއެއް ނޭގި ގެއްލިގެން ހިނގާ ހާދިސާތަކެއް މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ހެލެންގެ ރޯލުން އަނާ ބެން ފެނިގެންދިޔައިރު ލާލް، ނޮބެލް ބާބޫ ތޯމަސް، އަޖޫ ވަރުގީސް، ރޯނީ ޑޭވިޑް، ބިނޫ ޕާޕޫ ވެސް ފިލްމުން ފެނިގެންދިޔައެވެ.