ޚަބަރު

ކަނޑުމަގުން އެމެރިކާއަށް ހިޖުރަނުކުރުމަށް އެދެފި


ކިޔުބާގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ކަނޑުމަގުން އެމެރިކާއަށް ހިޖުރަނުކުރުމަށް އެ ޤައުމުން އެދެފިއެވެ.

ކިޔުބާގައި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭސްފަދަ ސާމާނު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންނާއި ކަރަންޓު ކެނޑުމާއި ތަކެތީގެ އަގުއުފުލުމާއި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން އެ ޤައުމުގެ އެތައް ހާސް ރައްޔިތުންވަނީ އެކަމާ ނުރުހުން ފައުޅުކޮށް މުޒާހަރާކުރަން ފަށައިފައެވެ. ކިޔުބާަށް ސިޔާސީ ބަދަލެއް ގެނައުމަށްވެސް އެ މުޒާހަރާތަކުގައި ގޮވައިފައިވެއެވެ. ކިޔުބާގެ ސަރުކާރުން ބުނާ ގޮތުގައި ޤައުމުގެ ޙާލަތު ގޯސްވެފައިވަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި އިދިކޮޅު ފަރާތްތަކަށް އެމެރިކާއިން ވާގިވެރިވާކަމުގެ ތުޙްމަތުވެސް ކިޔުބާގެ ސަރުކާރުން ކުރެއެވެ. އެ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެމެރިކާއަށް ހިޖުރަކުރާ ކިޔުބާގެ ރައްޔިތުންގެ ޢަދަދުވަނީ ފާއިތުވި ދުވަސްތަކުގައި އިތުރުވެފައެވެ.

އެމެރިކާގެ ޑިޕާޓުމަންޓު އޮފް ހޯމްލޭންޑު ސެކިޔުރިޓީގެ ސެކެޓުރީ އަލެހަންދުރޯ މަޔޯކަސް ވިދާޅުވީ ކަނޑުމަގުން ދަތުރުކުރާ އެއްވެސް މީހަކަށް އެމެރިކާއަށް އެތެރެވުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. މަޔޯކަސް ވިދާޅުވީ ކަނޑުމަގުން އެމެރިކާއަށް އެތެރެވުމަށް މަސައްކަތްކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި އެއްވެސް ޤައުމެއްގެ މީހެއް އެފަދަ ނުރައްކާތެރި ގޮތަކަށް އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. ކަނޑުމަގުން އެމެރިކާއަށް އައުމަށް މަސައްކަތްކޮށްފައިވާ 20 މީހުން ފާއިތުވި ހަފުތާތަކުގައި މަރުވެފައިވާކަމަށާއި ހައިޓީގެ ރައީސް އަވަހާރަކޮށްލުމުން އެ ޤައުމުން އެމެރިކާއަށް ކަނޑުމަގުން އައުމަށް މަސައްކަތްކުރި ބަޔަކަށް އެހީތެރިވުމަށް ކޯސްޓުގާޑު ފޮނުވަން ޖެހުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއިން އިސްކަންދޭނީ ފުރާނަ ސަލާމަތްކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަނޑުމަގުން އެމެރިކާއަށް ދަތުރުކުރާ ކިޔުބާގެ ރައްޔިތުންނަށްވުރެ ގިނައީ އެމެރިކާއާއި މެކްސިކޯ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް އެތެރެވާ މީހުންނެވެ. ހިޖުރަވެރިންނާމެދު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕު ގެންގުޅުއްވި ސިޔާސަތުތަކާ ޚިލާފަށް އެ ޤައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑަން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ޙިމާޔަތް ހޯދުމަށް އެދޭ މީހުންނަށް އެމެރިކާއަށް އެތެރެވުމުގެ ފުރުޞަތު ދެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ބައިޑަން ޙަވާލުވެވަޑައިގެންނެވިފަހުން އެމެރިކާއާއި މެކްސިކޯ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް އެތެރެވާ ހިޖުރަވެރިންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އޮކްޓޯބަރު މަހާއި މެއި މަހާ ދެމެދު ކިޔުބާގެ 22،000އަށްވުރެ ގިނަ ރައްޔިތުން އެމެރިކާއަށް އެތެރެވެފައިވެއެވެ. އެއީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއަށް ކިޔުބާގެ ރައްޔިތުން އެންމެ ގިނައިން އެތެރެވެފައިވާ ދުވަސްވަރެވެ.