ޚަބަރު

މެލޭޝިޔާގެ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ


ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާ މެލޭޝިޔާގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

މެލޭޝިޔާގައި މިހާތަނަށް 855،949 މީހުންނަށް ކޯވިޑް-19 ޖެހި 6،385 މީހުންވަނީ މަރުވެފައެވެ. އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މެލޭޝިޔާގައި ބަލިފެތުރޭ މިންވަރު އިތުރުވެފައިވަނީ އެ ޤައުމުގައި ޢާންމުންނަށް ވެކްސިން ދެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށް މިދިޔަ މަހުގެ ތެރޭގައި އެ ޤައުމުގައި ފުރަބަންދުގެ ހަރުކަށި އުޞޫލުތަކެއްވެސް ޤާއިމުކޮށްފައިވަނިކޮށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 11،079 މީހުންނަށް ބަލިޖެހި 125 މީހުންވަނީ މަރުވެފައެވެ. އެއީ މިދިޔަ ހަފުތާގެ ތެރޭގައި އެއް ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެންމެ ބޮޑަށް އިތުރުވި ދުވަހެވެ.

މެލޭޝިޔާގެ ޞިއްޙަތާބެހޭ ޑިރެކްޓަރ ޖެނެރަލް ނޫރު ހިޝާމް އަބްދުﷲ ވިދާޅުވީ އެ ޤައުމުގައި މިހާރު އެންމެ ހަލުވިކޮށް ފެތުރެނީ ޑޭލްޓާ ވޭރިއަންޓުކަމަށެވެ. އެ ޤައުމުގައި ބަލިޖެހޭ މީހުންގެ 70 އިންސައްތަ މީހުންނަށް ބަލިޖެހެނީ ކުއަލަ ލަންޕޫރާއި ސެލަންގޯއިންނެވެ. އެ ސަރަޙައްދުތަކުގެ ހަސްފަތާލުތަކުގައި ލިބެންހުރި އެނދާއި ވެންޓިލޭޓަރާއި އޮކްސިޖަންގެ ޢަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އޭގެ ސަބަބުން ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޢާންމު ހަސްފަތާލުތަކުން ކޯވިޑް-19 ނޫން އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުން އަމިއްލަ ހަސްފަތާލުތަކަށް ބަދަލުކުރުމަށް 23.86 މިލިޔަން އެމެރިކާ ޑޮލަރު ކަނޑައެޅުން ހިމެނެއެވެ. އޭގެ އިތުރުން ކޯވިޑް-19އަށް ޚާއްޞަކޮށްފައިވާ ހަސްފަތާލުތަކުގެ ޢަދަދު އިތުރުކޮށް އިތުރު އޮކްސިޖަން ޓޭންކުތަކާއި އެނދުތައް ގަތުމަށްވެސްވަނީ ނިންމައިފައެވެ.

މެލޭޝިޔާގެ ޞިއްޙީ މާހިރުން ބުނާ ގޮތުގައި އެ ޤައުމުގައި އެދެވޭ މިންވަރަށް ބައްޔަށް ތަޙްލީލެއް ނުކުރެވެއެވެ. އެހެންކަމުން އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަސްލު ޢަދަދުތައް ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވުން އެކަށީގެންވެއެވެ.

32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާއަކީ ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. ނަމަވެސް އެ ޤައުމަކީ އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވާ އެއް ޤައުމުވެސްމެއެވެ. އެ ޤައުމުގެ އާބާދީގެ 25 އިންސައްތަ މީހުންވަނީ ކޯވިޑް-19 ވެކްސިންގެ އެއް ޑޯޒު ފުރިހަމަކޮށްފައެވެ.