ޚަބަރު

ޠާލިބާނުންނާ މަޝްވަރާކުރުމަށް އަފްޣާނިސްތާނުގެ ވަފުދެއް ޤަތަރަށް


ޠާލިބާން ޖަމާޢަތާ މަޝްވަރާތައް ކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ޤަތަރުގެ ދައުހާއަށް ދިޔުމަށް ނިންމައިފިއެވެ. އަފްޣާނިސްތާނުގެ ސަރުކާރުގެ ވަފުދެއް ދައުހާއަށް ދިޔުމަށް ނިންމާފައިވަނީ ޞުލްޙައިގެ މަޝްވަރާތަކުގައި ޠާލިބާނުންގެ އެއްބާރުލުން ލިބޭ މިންވަރު ކުޑަވެ ތުރުކީވިލާތުން ކާބުލްގެ މައި ވައިގެ ބަނދަރާ ޙަވާލުވެއްޖެނަމަ ޠާލިބާނުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޠާލިބާނުން ދީފައިވާ ދަނޑިވަޅެއްގައެވެ.

ޠާލިބާނުންނާ މަޝްވަރާކުރުމަށް ދައުހާއަށް ދަތުރުކުރާ 8 ބޭފުޅުންގެ ވަފުދުގައި އަފްޣާނިސްތާނުގެ ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވައި އަބްދުﷲ އަބްދުﷲއާއި އެ ޤައުމުގެ ކުރީގެ ރައީސް ޙާމިދު ކަރުޒާއީ ހިމެނިވަޑައިގަންނަވައެވެ. އެ ވަދުފުން ކުރާ މަޝްވަރާތަކުގައި އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުން އަވަސްކުރުމާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށް ބެލެވެއެވެ. ދައުހާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކާ ގުޅޭގޮތުން ޠާލިބާނުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެ މަޝްވަރާތަކުގައި ކާބުލްގެ ވައިގެ ބަނދަރު ތުރުކީވިލާތާ ޙަވާލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރާނެކަމެއްވެސް ނޭނގެއެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް އެ ޤައުމުން ފޭބުމުން އެ ޤައުމުގެ ވެރިރަށް ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ބަލަހައްޓައި ހިންގުމުގެ ޒިންމާއާ ޙަވާލުވުމަށް ތުރުކީވިލާތުންވަނީ ހުށަހަޅައިފައެވެ. އަދި އެ މަސައްކަތް ކުރާނެ ގޮތަކާމެދު ތުރުކީވިލާތާއި އެމެރިކާއިން ދަނީ މަޝްވަރާކުރަމުންނެވެ.

ޚާރިޖީ ވަފުދުތަކުގެ މަސައްކަތްތަކަށް މުހިންމު ކާބުލްގެ ވައިގެ ބަނދަރުގެ ޚިދުމަތްތައް ނުހުއްޓި ކުރިޔަށްގެންދިޔުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ތުރުކީވިލާތުން ސިފަކުރެއެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ޚާރިޖީ ވަފުދުތަކަށް އެ ޤައުމުގައި ދެމިތިބެވޭނެ މަގަކީ އެއީކަމަށް ތުރުކީވިލާތުން ބުނެއެވެ. ވައިގެ ބަނދަރު ހިންގުމާ ޙަވާލުވުމަށް ތުރުކީވިލަތުން ނިންމި ނިންމުން އެ ޤައުމުން ބަދަލު ނުކުރާނަމަ އަދި އަފްޣާނިސްތާނުގައި އެ ޤައުމުގެ ސިފައިން ދެމިތިބޭނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ޠާލިބާނުންވަނީ ބުނެފައެވެ. އެ ޖަމާޢަތުން ބުނާ ގޮތުގައި އަފްޣާނިސްތާނުން ފައިބައި އެމެރިކާއާއި ނޭޓޯގެ ސިފައިންނާއެކު ތުރުކީވިލާތުގެ ފައުޖުތައް އެ ޤައުމު ދޫކޮށް ދާންޖެހޭނެއެވެ.