މުނިފޫހިފިލުވުން

މިފަހަރުވެސް ނޯރާގެ ނެށުންތަކެއް އެކަމަކު އެއީ ޖާސޫސެއް


އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް އަންނަ މަހު 13 ގައި ޕްރިމިއަރ ކުރަން ތައްޔާރުކޮށްފައިވާ ޕީރިއަޑް ޑްރާމާ " ބޫޖް:ދަ ޕްރައިޑް އޮފް އިންޑިއާ" އަކީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
އަޖޭ ދޭވްގަން، ސަންޖޭ ދަތް، ސޮނާކްޝީ ސިންހާ އަދި ނޯރާ ފަތޭހި ފެނިގެންދާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންނެވެ.

މި ފިލްމުގައި އަންހެން ލީޑް ސޮނާކްޝީއަށް ދިނުމަށްފަހު ދެން ފެނިގެންދާ ރޯލް ފުރަތަމަ ހުށައެޅީ ޕަރިނީތީ ޗޯޕްރާއަށެވެ. ނަމަވެސް އެ ރޯލު ކުޑަކަމަށް ބުނެ ޕަރިނީތީ ފިލްމު ދޫކޮށްލިއެވެ. އޭގެފަހުން ކްރިތީ ސެނޮން އަދި ޖެކްލިން ފެނާންޑަޒްއަށްވެސް މި ރޯލު ހުށަހެޅިއެވެ. މި ދެތަރިންވެސް ބުނެފައިވަނީ ސޮނާކްޝީގެ ފަހަރުން ސަޕޯޓިން ރޯލަކުން ފެންނަން ބޭނުން ނުވާކަމަށެވެ. ޕްރޮޑަކްޝަން ޓީމުން އެންމެ ފަހުން މި ރޯލު ހުށަހެޅީ ނޯރާ އަށެވެ.

ފިލްމުގައި ނޯރާ ކުޅޭ ބައިގެ ތަފްޞީލް މީގެކުރިން ވަނީ ސިއްރު ކޮށްފައެވެ. ނަމަވެސް މީޑިއާ ތަކުން މިހާރު ރިޕޯޓް ކުރާގޮތުގައި ފިލްމުގައި ނޯރާއަކީ ޕާކިސްތާނުގެ ނެށުންތެރިއެކެވެ. ނަމަވެސް އަސްލު ނޯރާއަކީ އިންޑިއަން އާމީގެ ޖާސޫސެކެވެ. މިއީ ޢާލިއާ ބަޓް ފިލްމު "ރާޒީ" ގައި ކުޅެފައިވާ ރޯލާއި ދާދި އެއްގޮތް ރޯލެކެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ޓްރެއިލަރވެސް މިހާރު ވަނީ ދައްކާލާފައެވެ. މި ފިލްމުގައި ފެނިގެންދާނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ހިނގި ހަނގުރާމައިގެ ހާދިސާތަކެކެވެ. އަޖޭ ދޭވްގަން މި ފިލްމުގައި ކުޅެފައި ވަނީ އެ ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ސްކޮޑްރަން ލީޑަރު ވިޖޭ ކުމާރު ކަރްނިކްގެ ރޯލެވެ. "ބޫޖް" އަކީ އަޖޭ ފުރަތަމަ ޑިޖިޓަލް ޕްރިމިއަރ އެވެ.