މުނިފޫހިފިލުވުން

"ޓައިގަރ 3" ދެ މަހަށް ޔޫރަޕަށް


ސަލްމާން ފިލްމުތަކުން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއ ފިލްމަކީ ޓައިގަރ ސީރީޒްގެ 3 ވަނަ ބައެވެ. އެކްޝަން ސްޕައި ފިލްމު "ޓައިގަރ 3" ގެ ޝޫޓިންތައް ފެށުމަށް ޕްރޮޑަކްޝަން ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. ކުރީގެ ބައިތައް ހެން ޔޫރަޕްގެ ގިނަ ޤައުމުތަކެއްގައި ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ފިލުމުގެ ޝޫޓިންތަކަށް އަންނަ އޯގަސްޓުމަހު ޓީމް ފުރަން މިހާރު މިވަނީ ހަމަޖެހިފައެވެ. އަދި ފިލްމުގެ މަންޒަރުތައް ނެގުމަށް ދެމަހެއްހާ ދުވަހު ޔޫރަފްގައި އެޓީމުން ހޭދަކުރާނެކަމަށްވެއެވެ.

ފިލުމް ޝޫޓްކުރާނީ އޮސްޓްރިއާ، މޮރޮކޯ، ތުރުކީވިލާތް އަދި ރަޝީއާގައެވެ. ޔޫއޭއީގައިވެސް ފިލްމުގެ ކުޑަތަންކޮޅެއް ޝޫޓުކުރަން ހަމަޖެހިފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މީގެއިތުރުން އިންޑިއާގެ މުމްބާއީ އަދި ގޮރެގައުންގައިވެސް ބައެއް މަންޒަރުތައް ނަގާނެއެވެ.

އޯގަސްޓު 12 ވަނަ ދުވަހު ޓީމު ފުރިނަމަވެސް ލީޑް އެކްޓްރެސް ކެޓްރީނާ މި ޓީމާއި ގުޅޭނީ އޯގަސްޓް ފަހު ކޮޅުކަމަށްވެސް ޓީމުން ބުނެއެވެ. އަދި އޭގެ ކުރިން ސަލްމާންގެ ސޯލޯ މަންޒަރުތައް ނަގާ ނިންމާލެވޭނެ ކަމަށްވެސް ޓީމު ބުނެއެވެ.

ފިލްމުގެ ވާހަކަ ލިޔެފައިވަނީ އަދިތްޔާ ޗޯޕްރާ އަދި ޝްރިދާރް ރާގަވަން އެވެ. ޕްރިތަމްގެ މިޔުޒިކް ފިލްމުގައި ހިމަނާފައިވާއިރު ސަލްމާން އަދި ކެޓްރީނާގެ އިތުރުން "އޭކްތާ ޓައިގަރ" ގައި ގޯޕީގެ ރޯލުން ފެނުނު ތަރި ރަންވީރު ޝޯރޭވެސް މުހިންމު ރޯލަކުން ފެންނާނެއެވެ. ބޮލީވުޑް އެކްޓަރ ޢިމްރާން ޙާޝްމީވެސް ނެގެޓިވް ރޯލަކުން މި ފިލްމުގައި ފެނިގެންދާނެއެވެ.