ޚަބަރު

ކޯވިޑް-19ގެ ސަބަބުން ބަނޑުހައިހޫނުކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައި: އދ


ފާއިތުވި އަހަރުގެ ތެރޭގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުނު މީހުންނާއި ހަށިގަނޑަށް މުހިންމު މާއްދާތައް ނުލިބޭ މީހުންގެ ޢަދަދު އާދަޔާޚިލާފަށް އިތުރުވެފައިވާކަމަށް އދން ބުނެފިއެވެ.

ހަށިގަނޑަށް މުހިންމު މާއްދާތައް ނުލިބޭ މީހުންގެ ޢަދަދަށް ބޮޑު ބަދަލެއް ފާއިތުވި 5 އަހަރުގެ ތެރޭޣައި އައިސްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ ޢަދަދުވަނީ 768 މިލިޔަނަށް އިތުރުވެފައެވެ. އެއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައެވެ. އެ ޢަދަދަކީ އޭގެ ކުރީ އަހަރަށްވުރެ 118 މިލިޔަނުގެ އިތުރުވުމެކެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބޭ 768 މިލިޔަން މީހުންގެ ތެރެއިން 418 މިލިޔަން މީހުންނަކީ އޭޝިޔާގައި ދިރިއުޅޭ މީހުންނެވެ. އޭގެ އިތުރުން އެފްރިކާގައި ދިރިއުޅޭ 282 މިލިޔަން މީހުންނާއި މެދުތެރޭ އެމެރިކާއާއި ކެރީބިޔަންގައި ދިރިއުޅޭ 60 މިލިޔަން މީހުން ހިމެނެއެވެ. އެފްރިކާގެ 21 އިންސައްތަ މީހުންނަށް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބެއެވެ. އެއީ އެހެން ސަރަޙައްދުތަކަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ.

އދގެ އެކި އިދާރާތަކުން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންގެ ޢަދަދު ބޮޑަށް އިތުރުވެފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންކަމަށެވެ. ބަލިމަޑުކަމުގެ ސަބަބުން ކާބޯތަކެތީގެ ނިޒާމުތަކުގައި ހުރި މައްސަލަތައް ފާހަގަވަމުންދާކަމަށާއި އޭގެ ސަބަބުން ޢާންމުންގެ ފުރާނައާއި ދިރިއުޅުމަށް ނުރައްކާވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށްވެސް އެފަދަ އަސަރުތަކެއް ކޮށްފައިވާކަމަށް އދގެ އިދާރާތަކުން ބުނެއެވެ. އެއާއެކު 2030ވަނަ އަހަރުގެ ކުރިން ބަނޑުހައިހޫނުކަން ނައްތާލުމަށް އދގެ ލަނޑުދަނޑިތައް ޙާޞިލުނުކުރެވޭނެކަމަށާއި 660 މިލިޔަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގެ ޙަލަތާ ކުރިމަތިލާންޖެހޭނެކަމަށް އދން ބުނެއެވެ. އދގެ ކާބޯތަކެއްޗާބެހޭ އިދާރާގެ އިޤްތިޞާދީ އިސް މާހިރު އާރިފު ޙުސައިން ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ޙާލަތަށް އެހާ ގިނަ ޢަދަދެއްގެ މީހުން ވެއްޓުމުން އެ ޙާލަތު ބަދަލުކުރުމަށް ނަގައި މުއްދަތު އެތައް ގުނައެއް އިތުރުވާނެކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކާބޯތަކެތި ނުލިބޭ މީހުންގެ ޢަދަދުވަނީ 2.37 މިލިޔަނަށް އިތުރުވެފައެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ 320 މިލިޔަންގެ އިތުރުވުމެކެވެ. އެއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ޢަދަދު އިތުރުވެފައި ނުވައި މިންވަރެކެވެ.
ކާބޯތަކެތި ޔަޤީންނުވާ މީހުންގެ ޢަދަދު އެތައް އަހަރެއް ވަންދެން ދަށަށް ދިޔުމަށްފަހު ފާއިތުވި އަހަރުތަކުގައި އެ ޢަދަދު އަނެއްކާވެސްވަނީ އިތުރުވާން ފަށައިފައެވެ. އެ ޢަދަދު އިތުރުވެފައިވަނީ ހަމަނުޖެހުންތަކާއި މޫސިމީ ބޮޑެތި ބަދަލުތަކާއި އިޤްތިޞާދީ ހީނަރުކަމާއި އާމުދަނީގެ ފަރަޤު ބޮޑުވުމުގެ ސަބަބުންނެވެ.

އދގެ ކާބޯތަކެއްޗާބެހޭ އިދާރާގެ އިސްވެރިޔާ ޑޭވިޑު ބީޒުލީ ވިދާޅުވީ ބަނޑަށްޖެހި މަރުވުމުގެ ނުރައްކާ 41 މިލިޔަން މީހުންނަށް ކުރިމަތިވެފައިވާކަމަށެވެ. ދުނިޔޭގެ ޙާލަތު ގޯސްވި ނަމަވެސް ދުނިޔޭގެ މަހުޖަނުންގެ އާމުދަނީ އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ބަނޑަށްޖެހި މަރުވަމުންދާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ.
އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެޚޭޝް ވިދާޅުވީ ދުނިޔޭގައި ކާބޯތަކެތި ލިބެން ހުއްޓައި އެތައް ބިލިޔަން މީހުންނަކަށް ފައިދާހުރި ކާނާ ނުލިބުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެހެންކަމުން ސެޕުޓެންބަރު މަހުގެ ތެރޭގައި ކާބޯތަކެތީގެ ނިޒާމާ ގުޅޭ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.