ކޯވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް ބޫސްޓަރު ޑޯޒުތައް ދިނުމަށް މުއްސަނދި ޤައުމުތަކުން އިތުރަށް ވެކްސިން ނުގަތުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ގޮވާލައިފިއެވެ.
ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބުރިޔޭސުސް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށާއި އިންޑިޔާއިން ފުރަތަމަ ފެނުނު ބަލީގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޞިއްޙީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ލިބޭނެ މިންވަރަށް ވެކްސިން ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. ޤައުމުތަކަށް ވެކްސިން ލިބުމުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ނާޒުކު ޙާލަތްތަކުގައި ތިބި މީހުންނަށް ވެކްސިން ނުދެވި އުޅެނިކޮށް މުއްސަނދި ޤައުމުތަކުން ވެކްސިން ޖަހާފައިވާ މީހުންނަށް އިތުރު ޑޯޒުތަކެއް ދިނުމަށް މިލިޔަނުން ވެކްސިން ގަންނަމުންދާކަމަށެވެ.
ވެކްސިން ދީފައިވާ ނިޞްބަތް މަތި ޤައުމުތަކަށް ބޫސްޓަރު ޑޯޒުތައް ވިއްކުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ފައިޒާއާއި މޮޑާނާ ހިމެނޭކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކޯވެކްސް މަޝްރޫޢުއަށް އެ ޑޯޒުތައް ފޯރުކޮށްދިނުން އެދެވިގެންވާކަމަށް އޭނާ ވިދާޅުވިއެވެ.
ޑަބުލިޔުއެޗުއޯގެ އިސް ސައިންސުވެރިޔާ ސޯމުޔާ ސުވާމިނަތަން ވިދާޅުވީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށް ބޫސްޓަރު ޑޯޒުތައް ދޭންޖެހޭކަމުގެ އެއްވެސް ޙެއްކެއް ހޯދިފައި ނުވާކަމަށެވެ. އަދި އެފަދަ ނިންމުންތައް ނިންމަންވާނީ ސައިންސާއި ދިރާސާގެ އަލީގައިކަމަށާއި ވެކްސިން އުފައްދާ ކުންފުންޏަކުން ބޫސްޓަރު ވެކްސިން ޖަހަންޖެހޭނެކަމަށް ބުނި ނަމަވެސް އެ ގޮތަށް ޢަމަލުކުރަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ވެކްސިނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސުވާމިނަތަންވަނީ އެކި ކުންފުނިތަކުން އުފައްދާ ވެކްސިންގެ ޑޯޒުތައް ބައެއް މީހުން އެއްކޮށްގެން ބޭނުންކުރާކަމަށް ފާހަގަކުރައްވައި އެކަމާމެދު ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި އޭގެ ސަބަބުން ޞިއްޙަތަށް ކޮށްފާނެ އަސަރަކާ ގުޅޭގޮތުން ދިރާސާއެއް މިހާތަނަށް ކޮށްފައި ނުވާކަމަށެވެ.