ޚަބަރު

ކޮވެކްސް މަޝްރޫޢަށް ޗައިނާގެ ކުންފުނިތަކުން ވެކްސިން ފޯރުކޮށްދެނީ


ޗައިނާގެ ސީނޯފާމާއި ސީނޯވެކުން ކޯވިޑް-19ގެ ވެކްސިންގެ 550 މިލިޔަން ޑޯޒު ގަތުމަށް ޑަބުލިޔުއެޗުއޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޑަބްލިޔުއެޗުއޯއާއެކު ކޯވެކްސް މަޝްރޫޢު ހިންގާ ގުލޯބަލް އެލަޔަންސް ފޮރ ވެކްސިންސް އެންޑް އިމިއުނައިޒޭޝަން، ގާވީން ބުނީ އެއްބަސްވުންތަކުގެ ދަށުން 2022ވަނަ އަހަރުގެ ތެރޭގައި ސީނޯފާމް ވެކްސިންގެ 170 މިލިޔަން ޑޯޒާއި ސީނޯވެކް ވެކްސިންގެ 380 މިލިޔަން ޑޯޒު ފޯރުކޮށްދިނުމަށް އެ ދެ ކުންފުނިން އެއްބަސްވެފައިވާކަމަށެވެ. ގާވީން ބުނީ އެ އެއްބަސްވުންތަކުގެ ސަބަބުން ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއަންޓު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ދަނޑިވަޅެއްގައި ކޯވެކްސް މަޝްރޫޢުގައި ބައިވެރިވާ ޤައުމުތަކަށް ވެކްސިންގެ 110 މިލިޔަން ޑޯޒު ވަޤުތުން ފޯރުކޮށްދޭނެކަމަށެވެ. އެ ދެ ވެކްސިނަކީވެސް ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ޑަބުލިޔުއެޗުއޯއިން ދީފައިވާ ދެ ވެކްސިނަށްވުމުން އެ ވެކްސިންތައް ވަރަށް އަވަހަށް ޤައުމުތަކަށް ފޯރުކޮށްދެވޭނެކަމަށް ގާވީން ބުނެއެވެ. ނަމަވެސް އެ ވެކްސިންތައް ލިބޭނެ ޤައުމުތަކެއް ގާވީން ބުނެފައެއް ނުވެއެވެ.

އިންޑިޔާގެ ކޯވިޑް-19 ޙާލަތު ގޯސްވެ އެ ޤައުމުން ވެކްސިން އުފައްދައި ބޭރުކުރުން މެދުކަނޑައިލުމުން ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ހިންގާ ކޯވެކްސް މަޝްރޫޢުގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށް ކުރަމުންދިޔަ މަސައްކަތަށްވަނީ ބުރޫއަރައިފައެވެ. އޭގެ ސަބަބުން ގިނަ ޤައުމުތަކުގައި ޢާންމުންނަށް ވެކްސިން ދިނުމަށް ހިންގަމުންދިޔަ މަޝްރޫޢުތައް ހުއްޓުމަކަށްވެސްވަނީ އައިސްފައެވެ. ނަމަވެސް 2022ވަނަ އަހަރުގެ ތެރޭގައި ވެކްސިންގެ 2 ބިލިޔަން ޑޯޒު ކޯވެކްސް މެދުވެރިކޮށް ފޯރުކޮށްދެވޭނެކަމަށް ބެލެވެއެވެ. އެ ގޮތުން ސީނޯވެކާއި ސީނޯފާމުގެ ވެކްސިންގެ އިތުރުން 9 ކުންފުންޏަކުން އުފައްދާ ވެކްސިން ކޯވެކްސް މަޝްރޫޢުގައި ބޭނުންކުރާނެއެވެ.