ޚަބަރު

ނޭޕާލުގެ ޤަނޫނުހަދާ މަޖިލިސް ރުޖޫޢަކޮށް އައު ބޮޑުވަޒީރެއް ޢައްޔަނުކުރުމަށް ޢަމުރުކޮށްފި


މިދިޔަ މެއި މަހުގެ ތެރޭގައި ނޭޕާލުގެ ބޮޑުވަޒީރު ކޭ ޕީ ޝަރުމާ އޯލީ އުވާލެއްވި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް އަލުން ރުޖޫޢަކޮށް ބޮޑުވަޒީރުގެ މަޤާމަށް ޝީރު ބަހާދުރު ދޫބާ ޢައްޔަނުކުރުމަށް ނޭޕާލުގެ ސުޕްރީމު ކޯޓުން ޢަމުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އޯލީވަނީ ޤާނޫނުހަދާ މަޖިލިސް އުވާލައްވައިފައެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ސުޕުރީމު ކޯޓުންވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. އޭގެ ފަހުން އޯލީއަށް އިތުބާރު ނެތްކަމަށް މިދިޔަ މެއި މަހުގެ 10ވަނަ ދުވަހު ނޭޕާލުގެ ޤާނޫނުހަދާ މަޖިލީހުންވަނީ ކަނޑައަޅައިފައެވެ. އަދި މެއި މަހުގެ 22ވަނަ ދުވަހު އޭނާވަނީ ޤާނޫނުހަދާ މަޖިލިސް އަނެއްކާވެސް އުވާލައްވައި އިންތިޚާބެއް ބޭއްވުމަށް މަސައްކަތްކުރައްވައިފައެވެ.

ޖުލައި މަހުގެ 12ވަނަ ދުވަހު ނޭޕާލުގެ ސުޕްރީމު ކޯޓުންވަނީ ކުރިޔަށް އޮތް 7 ދުވަހުގެ ތެރޭގައި ޤަނޫނުހަދާ މަޖިލިސް އަލުން ރުޖޫޢަކުރުމަށް ޢަމުރުކޮށްފައެވެ. އަދި ޖުލައި މަހުގެ 13ވަނަ ދުވަހުގެ 1700ގެ ކުރިން ބޮޑުވަޒީރުގެ މަޤާމަށް ޝީރު ބަހާދުރު ދޫބާ ޢައްޔަނުކުރުމަށްވަނީ ޢަމުރުކޮށްފައެވެ.

ޢުމުރުން 75 އަހަރުގެ ދޫބާއަކީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ނޭޕާލުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ނޭޕާލީ ކޮންގުރެސް ޕާޓީގެ އިސްވެރިޔާއެވެ. ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޯލީއަށް ލިބިވަޑައިނުގަތުމުން ދޫބާވަނީ އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފައެވެ.