ވިޔަފާރި

އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވާނެ


އެއަރޕޯޓްތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްއަށް ބަދަލުތައް އަޔަސް، އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްތަކަށް ގެނައިި ބަދަލާއެކު އިކޮނޮމީ ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްވެސް ބޮޑުވާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ނަގާ ޓެކްސްތަކުގެ ރޭޓަށް ބަދަލުތައް ގެނެސްފައިވާއިރު، އޭގެތެރޭގައި، އިކޮނޮމީ ކްލާހުން ފުރާ ދިވެހިންގެ އަތުން ޓެކްސް ނަގާ ރޭޓެއް ބަދަލު ގެނެސްފައެއްނުވެއެވެ. އެގޮތުން އިކޮނޮމީ ކްލާހުން ފުރާ ދިވެހިން އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ކުރިންވެސް ނަގަމުން އައީ 12 ޑޮލަރެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުންދިޔައީ 12 ޑޮލަރެވެ. ޓެކްސް ރޭޓަށް ބަދަލުތަކެއް ގެނަޔަސް، އާއްމުކޮށް ދިވެހިން ދަތުރުކުރާ އިކޮނޮމީ ކްލާހުން ނަގާ ޓެކްސްއަށް ބަދަލެއް ނުގެނެއެވެ.

އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް ބަދަލެއް ގެނެސްފައި ނުވިނަމަވެސް، މުއްސަނދިން ދަތުރުކުރާ ބިޒްނަސް ކްލާސް، ފަސްޓް ކްލާސް އަދި ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ދިވެހިން ދައްކަން ޖެހޭ ޓެކްސް ރޭޓަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން މި ހުރިހާ ކްލާހެއްގައި ދަތުރުކުރާ ދިވެހިންވެސް ދައްކަމުން ދިޔައީ އެއަރޕޯޓް ޓެކްސްގެ ގޮތުގައި 24 ޑޮލަރެވެ. އެހެން ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާޙާއި އެކު ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިން އެއަރޕޯޓް ޓެކްސްގެ ގޮތުގައި 120 ޑޮލަރު ދައްކަން ޖެހެއެވެ. ފަސްޓް ކްލާހުން ދަތުރު ކުރާ ދިވެހިން ދައްކަން ޖެހޭނީ 180 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ދިވެހިން އެއަރޕޯޓް ޓެކްސްގެ ގޮތުގައި 240 ޑޮލަރު ދައްކަން ޖެހެއެވެ.

މީގެއިތުރުން ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންގެ އަތުން ނަގާ އެއަރޕޯޓް ޓެކްސް ރޭޓަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީން ކުރިން އެއަރޕޯޓް ޓެކްސްގެ ގޮތުގައި ދައްކަމުން ދިޔައީ 50 ޑޮލަރެވެ. މި އަދަދުވަނީ 60 ޑޮލަރަށް ބޮޑުކޮށްފައެވެ. ބިޒްނަސް ކްލާހުން ދަތުރުކުރާ ބިދޭސީން އެއަރޕޯޓް ޓެކްސްގެ ގޮތުގައި 120 ޑޮލަރު ދައްކަން ޖެހެއެވެެ. އަދި ފަސްޓް ކްލާހުން ދަތުރު ކުރާ ބިދޭސީން އެއަރޕޯޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނީ 180 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ބިދޭސީން އެއަރޕޯޓް ޓެކްސްގެ ގޮތުގައި 240 ޑޮލަރު ދައްކަން ޖެހެއެވެ.

ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އެއާއެކު މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖް ނެގުން ހުއްޓާލާނެއެވެ.

މީގެއިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގުމަށް ނިންމާފައެވެ. ޤާނޫނުގައިވާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

މި ޤާނޫނުގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.

ސަރުކާރުން ވިދާޅުވީ މިއީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ޤާބިލުކަން ހުރި ތަނަވަސް ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުކޮށް، ދައުލަތަށް އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ޤާނޫނަށް ގެނައި އިސްލާހުތަކެއްކަމަށެވެ.