ޚަބަރު

ބެޑުމިންޓަން ކޯޓުތައް ޢާންމުންނަށް ހުޅުވާލައިފި


އެޗްޕީއޭގެ ގައިޑުލައިންތަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކަށް އެކުވެނި ބެޑުމިންޓަން ކޯޓު ތާވަލުކޮށް ނުދޭނެކަމަށް ބެޑުމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މާލެ ސަރަހައްދުގެ ކޯވިޑް-19ގެ ހާލަތު ގޯސްވުމުން މެއި މަހުގެ ތެރޭގައި އެޗްޕީއޭއިންވަނީ ކުޅިވަރު މުބާރާތްތައް ބޭއްވުން މަނާކޮށް ކުޅިވަރު ކުޅޭ ތަންތަންވެސް ބަންދުކޮށްފައެވެ. ނަމަވެސް ކޯވިޑް-19ގެ ހާލަތު ރަނގަޅުވުމުން އެޗްޕީއޭއިންވަނީ އެކަނި ކުރެވޭ ކަސްރަތުތައް ކުރުމަށް ހުއްދަ ދީފައެވެ. އަދި ކުޅިވަރު ކުޅޭ ތަންތަންވެސް ހުޅުވުމުގެ ހުއްދަވަނީ ދީފައެވެ. ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައެއް ނުވެއެވެ. އެޗްޕީއޭއިން ދިން ލުއިތަކާއެކު ގައުމީ ޓީމާއި އާންމު މެންބަރުންނަށް ކުޅެވޭ ގޮތަށް ބެޑުމިންޓަން އެސޯސިއޭޝަނުންވަނީ އެކުވެނި ކޯޓް ހުޅުވާފައެވެ.

އެ ގޮތުން ކުޅުމަށް ތާވަލުކޮށްފައިވާ ގަޑި ހަމަވުމުން އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އެކުވެނި އިންޑޯ ހޯލު ސަރަހައްދުން ލަސްނުކޮށް ނުކުތުމަށާއި ތާވަލްކޮށްފައިވާ ގަޑީގައި ހުސްކޮށް ކޯޓުތައް އޮތް ނަމަވެސް ކޯޓުތަކުގެ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް ބެޑުމިންޓަން އެސޯސިއޭޝަނުން ބުނެފައިވެއެވެ. އަދި ކުޅެ ނިމުމަށްފަހު ހޯލް ތެރޭގައި މަޑުކުރުމުގެ ސަބަބުން ހޯލް ތެރޭގައި މީހުން ގިނަވެ، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާއި ފުށުއަރާގޮތްވެ، އިންޑޯ ހޯލުގައި ވަކި އަދަދަކަށް މެންބަރުން ވަދެނުކުމެ އުޅުމަށް ގާއިމުކުރެވިފައިވާ މާހައުލުގެ ރައްކާތެރިކަން ގެއްލިގެން ދާނެގޮތަށް އެއްވެސް ފަރާތްތަކުން އަމަލުނުކުރުމަށްވެސް ބެޑުމިންޓަން އެސޯސިއޭޝަންވަނީ ނަސޭހަތްތެރިވެފައެވެ.