ޚަބަރު

މިއަދުން ފެށިގެން ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހާކަށް ނުޖެހޭނެ


އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕު ޖެހުމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.

މި މަހުގެ 5ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރުމާއެކު މިއަދުން ފެށިގެން އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުން ނިމުމަކަށްއައީއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން ހުއްޓަލުމަށް މަޖިލީހަށް ހުށައެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު ޢަލީ އާޒިމެވެ. އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން 1970ވަނަ އަހަރުން ފެށިގެން އަންނަނީ ރެވެނިޔު ސްޓޭމްޕު ޖަހަމުންނެވެ.

ރެވެނިއު ސްޓެމްޕު ޖެހުން ހުއްޓާލުމަށް ބިލު ހުށައަޅުއްވާފައިވަނީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަަަކަށް ނުވާތީއެވެ.

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫންވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީއާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެން ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕް ޖަހަންޖެހުމުގެސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭކަަމަށްވެސް ރައީސް މިއަދު ތަސްދީޤުކުރެއްވި ބިލުގައި ބުނެފައިވެއެވެ.

އެހެންކަމުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް ނިންމެވީކަމަށް ބިލުގައިވެއެވެ.

ރެވެނިޔު ސްޓެމްޕުން ދައުލަތަށް ލިބުނު އާމްދަނީވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރެވެނިޔު ސްޓޭމްޕް ވިއްކައިގެން ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު 3.9 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި މިއަހަރުވެސް 3.7 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ރެވެނިއު ސްޓޭމްޕު ޕްރިންޓްކުރުމަށް 547،228 ރުފިޔާ ޚަރަދުވިކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން އުވާލުމުގެ ބިލު ތަޞްދީޤު ކުރައްވާފައިރު، މިވަގުތު ރާއްޖޭގައި ޕްރިންޓްކޮށްފައިހުރި ރެވެނިޔު ސްޓެމްޕުގެ ޢަދަދުތައްވެސް ހިމަނާފައިވެއެވެ. އެގޮތުން 10 ލާރީގެ ސްޓޭމްޕުން ފެށިގެން 10،000 ރުފިޔާގެ ސްޓެމްޕާއި ހަމައަށް އެކި އަގުތަކުގެ ޖުމްލަ 13 ސްޓޭމްޕެއް ޕްރިންޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރުމަހާ ހަމައަށް ގާތްގަނޑަކަށް 460،000 ސްޓޭމްޕް ސްޓޮކްގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ގިނައިން ޕްރިންޓްކޮށްފައި ހުރީ 10 ރުފިޔާގެ ސްޓެމްޕާއި 100 ރުފިޔާގެ ސްޓޭމްޕެވެ. އެގޮތުން 10 ރުފިޔާގެ 92652 ސްޓޮކްގައި އެބަހުއްޓެވެ. އަދި 100 ރުފިޔާގެ 111641 ސްޓޭމް ސްޓޮކްގައި އެބަހުއްޓެވެ..