ޚަބަރު

ބޭރަށް ފުރާ ތަނަވަސް މީހުންގެ އަތުން ނަގާ ފީ ބޮޑުކުރަން ފާސްކުރި ބިލު ތަޞްދީޤު ކުރައްވައިފި


ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުން ދަތުރުކުރާ ކްލާހަށް ބަލައި ނަގާ އެއަރޕޯޓު ފީއަށް ފަރަގު ގެނައުމާއެކު، އެއަރޕޯޓް ސަރވިސް ޗާޖުގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް 1ވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ، 5 ޖުލައި 2021 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލާއެކު ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. މި ޤާނޫނުގައި ބުނާ އެއަރޕޯޓް ސަރވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނިޔަލަށެވެ.

މީގެ އިތުރުން ވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ވަނީ ނެގުމަށް ނިންމާފައެވެ. މި ޤާނޫނުގައިވާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

ޑިޕާޗރ ޓެކްސްގެ އިތުރުން މިހާރު ނަގަމުންދާ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.

ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނަގާނެ ފީގެ ޢަދަދު

  • އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިން - 180 ޑޮލަރު / ބިދޭސީން - 180 ޑޮލަރު
  • ޕްރައިވެޓް ޖެޓް: ދިވެހިން - 240 ޑޮލަރު / ބިދޭސީން - 240 ޑޮލަރު

ސަރުކާރުން ވިދާޅުވީ މިއީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ޤާބިލުކަން ހުރި ތަނަވަސް ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުކޮށް، ދައުލަތަށް އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކެއްކަމަށެވެ.

އެއަރޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެއްކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، ދައުލަތަށްއެ ފައިސާ ހަމައަށް ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއްކަމުގައި މި ޤާނޫނުގައި ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުން ވެސް ޤާނުނާށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މަޢުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ ޢަދަދާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ ޢަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

މި ޤާނޫނުގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.