ޚަބަރު

ދުނިޔޭގެ ތާރީޚުގައި ޙައްޖުގެ އަޅުކަން މެދުކެނޑުނީ ކިތައް ފަހަރު؟


ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖާޖީންގެ ޢަދަދު މަދުކުރުމަށް ދެވަނަ ފަހަރަށްވަނީ މަޖުބޫރުވެފައެވެ. ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަޝްވަރާތަކަކާއި ދިރާސާތަކެއް ކުރުމަށްފަހު އެފަދަ ފިޔަވަޅުތަކެއް އެޅުމުންވެސް ބައެއް މީހުންވަނީ އެ ފިޔަވަޅުތަކާމެދު ސުވާލު އުފައްދައެވެ. އަދި އެ ފިޔަވަޅުތަކާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރާ ފަހަރުވެސް އާދެއެވެ. ފަހުގެ ތާރީޚުގައި އެތައް މިލިޔަން މުސްލިމުންނަކާއެކު ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން ކުރަމުންދިޔަ ނަމަވެސް މަޒީގައި ކަންކަން ހިނގާފައިވަނީ އެހެނެއް ނޫނެވެ.

865ވަނަ އަހަރު ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތާއި އިސްމާއިލް ބިން ޔޫސުފު ނުވަތަ މަޝްހޫރު ނަމުންނަމަ އަލްސަފަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި އަލްސަފަކުވަނީ އަރަފާތު ފަރުބަދައަށް ވަރުގަދަ ޙަމަލާތަކެއްދީ ގިނަ ޢަދަދެއްގެ ޙައްޖާޖީން ޤަތުލުކޮށްފައެވެ. އެ ޙަމަލާގެ ސަބަބުން އެ އަހަރުވަނީ ހައްޖުގެ އަޅުކަން މެދުކަނޑާލައިފައެވެ.

930ވަނަ އަހަރު ބަޙްރައިނުގެ ޝީޢީ ޖަމާޢަތެއްކަމަށްވާ ޤަރުމަތިއަނުންގެ އިސްވެރިޔާ އަބޫ ޠާހިރު އަލްޖަނަބީވަނީ މައްކާއަށް ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި 30،000 ޙައްޖާޖީން މަރުވިއެވެ. ގަޤުލުކޮށްފައިވާ ޙައްޖާޖީންގެ ހަށިގަނޑުތައް ޒަމުޒަމު ވަޅަށްވެސް އަޅާފައިވެއެވެ. މަސްޖިދުލް ޙަރާމު ލޫޓުވައި ގެފުޅުން ޙަޖަރުލްއަސްވަދުވެސްވަނީ ވަގަށް ނަގައިފައެވެ. އެއާއެކު ޙަޖަރުލްއަސްވަދު އަލުން އަނބުރާ މައްކާއަށް ގެނެވެންދެން 10 އަހަރުގެ މުއްދަތަކަށް ޙައްޖުގެ އަޅުކަން އެ ފަހަރު މެދުކަނޑާލިއެވެ.

983ވަނަ އަހަރު ހިނގި ސިޔާސީ ކޯޅުންތަކުގެ ސަބަބުންވެސް ޙައްޖުގެ އަޅުކަން މެދުކެނޑިފައިވެއެވެ. އެ ފަހަރު ދެބަސްވުންތައް އުފެދުނީ ޢިރާޤާއި ސޫރިޔާގެ ޢައްބާސީ ދަޢުލަތާއި މިޞްރުގެ ފާޠިމީ ދަޢުލަތާ ދެމެދުއެވެ. އޭގެ ސަބަބުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް މުސްލިމުން މައްކާއަށް ދަތުރުކުރުމަށް ހުރަސްއެޅުނެވެ. ޙައްޖުގެ އަޅުކަން އެ ފަހަރު 8 އަހަރު ދުވަސްވަންދެން މެދުކެނޑިފައިވެއެވެ.

އިންޑިޔާގައި އުފެދުނު ބަލިމަޑުކަމެއް މައްކާއާ ހަމައަށް 1831ވަނަ އަހަރު ފޯރުމުން ޙައްޖުވުމަށް މައްކާއަށް ދަތުރުކުރި ތިންބައިކުޅަ އެއްބައި މީހުން މަރުވިއެވެ. އެ ފަހަރު ދުނިޔޭގައި ފެތުރިފައިވަނީ ކޮލެރާއެވެ. އޭގެ ފަހުން 1837ވަނަ އަހަރާއި 1858ވަނަ އަހަރާ ދެމެދު އެކި ބަލިމަޑުކަން ފެތުރި 7 ފަހަރެއްގެ މަތިން ޙައްޖުގެ އަޅުކަން މެދުކަނޑައިލަން ޖެހުނެވެ. އެ ގޮތުން 1837ން 1840އަށް މައްކާގައި ހަލުވިކަމާއެކު ބަލިމަޑުކަމެއް ފެތުރުނެވެ. 1846ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް ކޮލެރާ ފެތުރި 15،000އަށްވުރެ ގިނަ މީހުން މަރުވިއެވެ. 1850ވަނަ އަހަރު އަންނަންދެން ބަލިމަޑުކަމުގެ ޙާލަތު މައްކާގައި ދެމިއޮތެވެ. 1865ވަނަ އަހަރާއި 1883ވަނަ އަހަރުވެސް ކޮލެރާ ފެތުރުނެވެ. އަދި 1858ވަނަ އަހަރު މުޅި ދުނިޔޭގައި އަނެއްކާވެސް ކޮލެރާ ފެތުރުމުން މައްކާއަށް ދަތުރުކުރި މިޞްރުގެ ޙައްޖާޖީން މިޞްރުގެ ރަތް ކަނޑުގެ އައްސޭރީގައި ކަރަންޓީނުވުމަށް މަޖުބޫރުވިއެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމުގައި އެތައް ސަތޭކަހާސް މީހުންނެއް މަރުވި ނަމަވެސް ޞިއްޙީ މާހިރުންގެ ލަފާގެ މަތިން ސަޢުދީ ޢަރަބިއްޔާއިންވަނީ ޙައްޖުގެ އަޅުކަން ހުއްޓައި ނުލައި ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކާއެކު ކުރިޔަށްގެންދަން ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.