ޚަބަރު

އުތުރު ކޮރެޔާއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރަނީ


އުތުރު ކޮރެޔާއާއި ޗައިނާއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރަން އެއްބަސްވެއްޖެއެވެ. އުތުރު ކޮރެޔާއާއި ޗައިނާއިން އެ ކަމަށް އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ރަޙުމަތްތެރި ގުޅުންތައް ބޭއްވުމަށް 1961ވަނަ އަހަރު ވެފައިވާ މުއާހަދާއަށް އިތުރު އަހަރެއް ފުރުމުން ދެ ޤައުމުގެ ވެރިންގެ މެދުގައި ބަދަލުކުރި ރަސްމީ ލިޔެކިޔުންތަކުގައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުންތައް އައު ހަރުފަތަކަށް ގެންދިޔުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންނާ ކުރާ މުޢާމަލާތްތައް އިތުރުކޮށް ދެ ޤައުމުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތްކުރުމަށް ގަސްދުކުރައްވާކަމަށެވެ.

1961ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ރަޙުމަތްތެރިކަމުގެ މުއާހަދާއެއްގައި ސޮއިކުރިފަހުން އުތުރު ކޮރެޔާގެ މައި ބައިވެރިއަކީ ހަމައެކަނި ޗައިނާއެވެ. އުތުރު ކޮރެޔާގެ ނިޔުކްލިޔަރ ހަތިޔާރާއި ބެލިސްޓިކު މިސައިލް އުފެއްދުމުގެ މަޝްރޫޢުގެ ސަބަބުން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމުން ވިޔަފާރިއާއި އެހެނިހެން ދާއިރާތަކަށް ޗައިނާގެ ފަރާތުން ލިބޭ އެއްބާރުލުން އުތުރު ކޮރެޔާއަށްވަނީ ވަރަށް މުހިންމުވެފައެވެ.

އުތުރު ކޮރެޔާގެ ޒައީމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބޭރުގެ ފަރާތްތަކާ ކުރިމަތިލުމުގައި ޗައިނާއާއި އުތުރު ކޮރެޔާއާ ދެމެދު އޮންނަ ގާތް ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއްކަމަށެވެ. ފާއިތުވި އަހަރުތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އުތުރު ކޮރެޔާއާއި ޗައިނާއާ ދެމެދު އޮންނަ އިތުބާރާއި ރަޙުމަތްތެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަތުރުވެރި ފަރާތްތަކުން އޭޝިޔާއަށް ދަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާގެ ސަބަބުން އޭޝިޔާގެ ހަމަޖެހުން ރައްކާތެރިކޮށްދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒަރު

ގުޑު ނިއުސް