ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބާޠިލުކުރުމުން އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައަޅަން ޕީޖީ އޮފީހުން ނިންމަވައިފިއެވެ.
ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގައި ޢަލީ ވަހީދު ބައިވެރިވެޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. މިގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ވަނީ ނިންމާފައެވެ. އެކޯޓުން އެ ގޮތަށް ނިންމާފައިވަނީ ބޭސް ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އެކޯޓަށް ސިޓީއަކުން ހުށައެޅުމުންނެވެ.
އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ވަނީ އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް އެކޯޓުން ވަނީ އެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ނިންމާ މައްސަލަ ބާޠިލުކޮށްފައެވެ. ހައިކޯޓުން ނިންމި ނިންމުމުގައިވަނީ އަލީ ވަހީދަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށެވެ.
އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކުރުމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންވަނީ މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި ޢަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު މައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަޤްސަދެއްގައިތޯ ސުވާލުކުރައްވާފައެވެ.
ހައިކޯޓްގެ ނިންމުން ބަލައި ނުގަންނަކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމާ މިއަދު އެ މައްސަލަ އެކޯޓަށް ހުށައަޅާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއިއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.