ޚަބަރު

ހިޔާ ފްލެޓް ލިބުނުކަމަށް ބުނެ ފޭކް ކޯލްތަކެއް، ސަމާލުވޭ


ހިޔާ ފްލެޓްތަކުން އެއްވެސް މީހަކަށް ކަނޑައަޅާފައިނުވާ ފްލެޓްތަކަށް ގުރުއަތުން ހޮވުނުކަމަށް ބުނެ އޮޅުވާލައިގެން ކޯލްތައް ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ގުރުއަތުން ލިބޭ ފުލެޓު ކަނޑައެޅުމަށްފަހު ބާކީ ހުރި ފުލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެކުންފުނީގެ ނަމުގައި ފޭކް ކޯލްތަކެއް ބަޔަކު ކުރަމުން އަންނަކަމަށެވެ. އެޗްޑީސީން ބުނީ ފުލެޓަށް ގުރުއަތުގެ އެއްވެސް ކަމެއްގައި އެ ކުންފުނިން ފޯނު މެދުވެރިކޮށް ގުޅަމުން ނުގެންދާނެކަމަށެވެ.

އެޗްޑީސީން ބުނީ ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓު ކަނޑައެޅުމަށް އެ ކޯޕަރޭޝަނުން އަމަލުކުރަމުންދާ އުޞޫލަކީ، ފުލެޓު
ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚާއި އެދުވަހެއްގެ ގުރުއަތުގައި ފުލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު ފުރަތަމަ އާއްމުކޮށް އިއުލާންކުރަނީ ކަމަށެވެ. އަދި އެއަށްފަހު ގުރުއަތު ނެގުން ކުރިޔަށް ގެންދަނީ ޓީ.ވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށްކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ގުރުއަތުން ފުލެޓު ލިބިފައިވާ ފަރާތްތަކާއި، ފުލެޓު ލިބިފައިނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ
ފުލެޓުގެ ތަފްޞީލު ހިއްސާކުރުމަށް އެ ކޯޕަރޭޝަނުން ނުގުޅާނެކަށެވެ. އަދި މި މަޝްރޫޢުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާ
ކުރާނަމަ، އެކަން ކުރާނީ އާންމު އިޢުލާނެއްގެ ޒަރިއްޔާއިން ނުވަތަ އެޗްޑީސީގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށްކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެހެންކަމުން އޮޅުވާލައިގެން ކުރާ މިފަދަ ކޯލްތަކަށް ސަމާލުވުމަށްވެސް އެޗްޑީސީން އިލްތިމާސްކުރެއެވެ.

ހިޔާ ފްލެޓްތަކުގެ ގުރުއަތު ނެގުމުގެ މަސައްކަތް ނިންމާ އެޗްޑިސީން އަންނަނީ ފްލެޓްތައް ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ބުދަދުވަހު ފަށާ ތަޅުދަނޑިތައް ހަވާލުކުރަން ފަށާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.