ޚަބަރު

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ފުރަތަމަ ފަހަރަށް ދިވެހި މެމްބަރެއް


އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ހޮވިވަޑައިގެންފިއެވެ. މީ މިކޮމެޓީގެ މެމްބަރުކަމަށް ރާއްޖޭގެ މެމްބަރަކު ހޮވިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޤާނުނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމުއިއްޔާ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ އެ ޖަމުއިއްޔާގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުޙިއްމު އެއް ކޮމެޓީއެވެ. އެ ކޮމެޓީއަކީ ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ.

ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް އަށް ހުރި ގޮންޖެހުންތަައް އެ ކޮމެޓީން ދެނެގަނެ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި ހުށަހެޅުމުން، މުޅި އައިޕީޔޫގެ މެމްބަރުންގެ މެދުގައި ޤަރާރުތަކެއްގެ ގޮތުގައި އެކަންކަން ފާސްކުރެއެވެ.

ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޖީހާން މަހްމޫދު އައިޕީޔޫގެ މަޤާމަށް ހޮވިވަޑައިގަތުމުން އެކަމަށް މަޖިލީހުން ވަނީ މަރުހާބާ ކިޔާފައެވެ. އަދި ޖީހާނަށް ވޯޓްދެއްވި ހުރިހާ ޤައުމަކަށް މަޖިލީހުންވަނީ ޝުކުރު އަދާކޮށްފައެވެ.

ޖިހާން އައިޕީޔޫގެ މަޤާމަށް ހޮވިވަޑައިގަތުމުން އެކަން ފާހަގަކުރައްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސްވަނީ މަރުހަބާ ފޮނުއްވާފައެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ މަޖިލިސް މެމްބަރުން މިފަދަ މަޤާމުތަކުން ފެނިގެންދިއުމަކީ އުފާކުރައްވާކަމެއްކަމަށެވެ. އަދި ހާއްސަކޮށް މިފަދަ އިސްރޯލްތަކުން އަންހެން މެމްބަރުން ފެނިވަޑައިގަތުމުން އެކަމާއި ފަހްރުވެރިވެޑައިގަންނަވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އައިޕީޔޫގައި 150 ވުރެ ގިނަ ޤައުމުގެ މަޖިލިސްތައް ތަމްސީލުކުރެއެވެ.

ރާއްޖެއިން ބައިނަލް އަޤްވާމީ ޖަމިއްޔާތަކާއި ގުޅުން ބަދަހިކޮށް އެފަދަ ޖަމިއްޔާތަކުގައި ރާއްޖޭއިން އަދާކުރާ ރޯލު އަންނަނީ ފުޅާކޮށް ބޮޑުކުރަމުންނެވެ. މިގޮތުން އެކި ޤައުމުތަކުން އިނގިރޭސިވިލާތަށް އައްޔަންކޮށްފައިވާ އަންހެން ޑިޕްލޮމެޓުންގެ ޖަމުއިއްޔާގެ ރައީސާކަމަށް އެ ޤައުމުގައި ހުންނަވާ ދުވެހި ސަފީރު ޑރ ފަރްހަނާޒް ފައިސަލް ވަނީ ހޮވިވަޑައިގެންފައެވެ.

މީގެއިތުރުން އދގެ އާއްމު މަޖލީހުގެ ރައީސްކަންވެސް ފުރަތަމަ ފަހަރަށް ރާއްޖެއަށް މިވަނީ ލިބިފައެވެ. އަންނަ ސެޕްޓެމްބަރުމަހު ފަށާ އައު ދައުރުގެ ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އެމަނިކުފާނު މި މަޤާމަށް ހޮވިވަޑައިގަތީ ވޯޓްގައި ބައިވެރިވި 191 ޤައުމުތަކުގެ ތެރެއިން 143 ޤައުމުގެ ތާއިދާއެކުއެވެ.