ޚަބަރު

ޙާލަތު ގޯސްވުމުން ތައިލޭންޑާއި އިންޑޮނޭޝިޔާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަނީ


ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ތައިލޭންޑާއި އިންޑޮނޭޝިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް އެއް ޤައުމަކީ އިންޑޮނޭޝިޔާއެވެ. އެ ޤައުމުގައި މިހާތަނަށް 2.4 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 64،000 މީހުންވަނީ މަރުވެފައެވެ. ޖުލައި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭޣައި އެ ޤައުމުގައި ދުވާލަކު މަރުވާ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. 270 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި މިހާތަނަށް ކޯވިޑް-19ގެ ވެކްސިން ދީފައިވަނީ އާބާދީގެ 5.4 އިންސައްތަ މީހުންނަށެވެ.

އިންޑޮނޭޝިޔާއިން ބުނީ އެ ޤައުމުގައި އެންމެ ހަލުވިކޮށް ބަލިފެތުރެމުންދާ ޖާވާއާއި ބާލީގައި ކޯވިޑް-19ން ރައްކާތެރިވުމަށް ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެ ފިޔަވަޅުތައް ޖުމުލަ 15 ސަރަޙައްދެއްގައި އެޅުމަށް ނިންމާފައިވާކަމަށް އެ ޤައުމުން ބުނެއެވެ. އެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ބާލީއާއި ޖާވާގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރިތާ ހަފުތާއެއް ފަހުންނެވެ.

ޖުލައި މަހުގެ 12ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށަން ނިންމާފައިވާ އައު ފިޔަވަޅުތަކުގެ ދަށުން ހުރިހާ ވިޔަފާރި މަރުކަޒުތައް ބަންދުކޮށް ކެފޭތަކާއި ރެސްޓޯރަންޓުތަކުގެ އެތެރޭގައި ތިބެގެން ކައިބޮއެހެދުން މަނާވާނެއެވެ. ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ދާއިރާތައް ފިޔަވަޅައި އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުން މަސައްކަތްކުރަން ޖެހޭނީ ގޭގައި ތިބެގެންނެވެ.

ތައިލޭންޑުގައި ބަލިޖެހޭ މީހުންގެ ޢަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 9،276 މީހުންނަށް ބަލިޖެހި 72 މީހުންވަނީ މަރުވެފައެވެ. ތައިލޭންޑުގެ ސަރުކާރުންވަނީ އެ ޤައުމުގެ ވެރިކަންކުރާ ބެންކޮކާއި އިތުރު 9 ޕުރޮވިންސެއްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ބައެއް ފިޔަވަޅުތަކަށް ޖުލައި މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފަށާނެއެވެ.

ތައިލޭންޑުގައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި 10 ޕުރޮވިންސެއްގައި ބޭނުމެއްނެތި ދަތުރުކުރުން މަނާވާނެއެވެ. އަދި ރޭގަނޑު 9އަކާއި ފަތިހު 4އާ ދެމެދު ބޭނުމެއްނެތި ބޭރަށް ނުކުތުން ޢާންމުންނަށް މަނާވާނެއެވެ. ބެންކޮކާއި އެ ސަރަޙައްދުގައި އޮންނަ ފަސް ޕުރޮވިންސެއްގައި ހުންނަ ވިޔަފާރި މަރުކަޒުތަކާއި ބިޔުޓީ ކުލިނިކުތަކާއި ސުޕާތަކާއި މަސާޖުކުރާ ތަންތަން ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ބައްޔައް ތަޙްލީލުކުރާ މިންވަރުވެސް އެ ސަރަޙައްދުތަކުގައި އިތުރުކުރާނެއެވެ. ބައެއް ޚާއްޞަ ޙާލަތްތަކުގައި މެނުވީ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެއުޅުންވެސް މަނާވާނެއެވެ. އަދި އެއް ޕުރޮވިންސާ އަނެއް ޕުރޮވިންސާ ދެމެދު ދަތުރުނުކުރުމަށްވެސް ސަރުކާރުންވަނީ އެދިފައެވެ.