އެމެރިކާއިން އިންޑޮނޭޝިޔާއަށާއި ނޭޕާލަށާއި ބޫޓާނަށް ކޯވިޑް-19ގެ ވެކްސިން ފޮނުވައިފިއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓު ހައުސުން ބުނީ އިންޑޮނޭޝިޔާއަށް މޮޑަނާ ވެކްސިންގެ 3 މިލިޔަން ޑޯޒާއި ނޭޕާލަށް ޖޮންސަން އެންޑް ޖޮންސަން ވެކްސިންގެ 1.5 މިލިޔަން ޑޯޒާއި ބޫޓާނަށް މޮޑަނާ ވެކްސިންގެ 500،000 ޑޯޒު ފޮނުވާފައިވާކަމަށެވެ. އެމެރިކާއިން އެ ޤައުމުތަކަށް ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ޤައުމުތަކަށް ވެކްސިންގެ 80 މިލިޔަން ޑޯޒު ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުންނެވެ.
އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޙާލަތު އެންމެ ގޯސް އެއް ޤައުމަކީ އިންޑޮނޭޝިޔާއެވެ. އެ ޤައުމުގައި މިހާތަނަށް 2.4 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 64،000 މީހުންވަނީ މަރުވެފައެވެ. ޖުލައި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެ ޤައުމުގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ.
އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވާ ވެކްސިންގެ 3 މިލިޔަން ޑޯޒު ހިމެނެނީ އެ ޤައުމަށް ދޭނެކަމަށް މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާއިން ވަޢުދުވެފައިވާ 4 މިލިޔަން ޑޯޒުގެ ތެރޭގައެވެ. އެއީ އެމެރިކާއިން މިހާތަނަށް ޤައުމަކަށް ހަދިޔާކުރާ އެންމެ ބޮޑު ޢަދަދެއްގެ ވެކްސިނެވެ. އޭގެ އިތުރުން އިންޑޮނޭޝިޔާގެ ކޯވިޑް-19ގެ ޙާލަތު ރަނގަޅުކުރުމަށް އެމެރިކާއިން އިތުރު އެހީތަކެއް ދޭނެކަމަށްވެސް އެ ޤައުމުން ބުނެއެވެ.
އޭޝިޔާގައި ހިމެނޭ އެހެން ޤައުމުތަކަށްވެސް ކޯވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް ރާވާފައިވާކަމަށް އެމެރިކާއިންވަނީ އިޢުލާނުކޮށްފައެވެ. އެ ގޮތުން ފިލިޕީންސާއި ވިއެޓުނާމާއި ތައިލޭންޑާއި ލާއޯސާއި ޕަޕުއާ ނިޔު ގިނީއާއި ކެންބޯޑިޔާއަށްވެސް އެމެރިކާއިން ވެކްސިން ފޯރުކޮށްދޭނެއެވެ. މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާއިންވަނީ ފައިޒަރ ވެކްސިންގެ 1 މިލިޔަން ޑޯޒު މެލޭޝިޔާއަށް ފޮނުވުމަށް ނިންމާފައިވާކަންވެސް އިޢުލާނުކޮށްފައެވެ.
އެމެރިކާއިން އެކި ޤައުމުތަކަށް ހަދިޔާކުރާނެކަމަށް އިޢުލާނުކޮށްފައިވާ ވެކްސިންގެ 80 މިލިޔަން ޑޯޒުގެ އިތުރުން ފައިޒަރ ވެކްސިންގެ އިތުރު 500 މިލިޔަން ޑޯޒު ގަތުމަށްފަހު މެދުފަންތީގެ ޤައުމުތަކާއި ފަޤީރު ޤައުމުތަކަށް ބެހުމަށްވެސް އެމެރިކާއިންވަނީ ނިންމައިފައެވެ.