ޚަބަރު

ސޫރިޔާއަށް އެހީތެރިވުމަށް ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ބޭނުންކުރާ މުއްދަތު އިތުރުކޮށްފި


ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޫރިޔާއާއި ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ބޭނުންކުރުމަށް ދީފައިވާ ޙުއްދައިގެ މުއްދަތު އދގެ ސަލާމަތީ މަޖިލީހުން އިތުރުކޮށްފިއެވެ.

ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 4 މަގެއް ބޭނުންކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ފުރަތަމަ ނިންމާފައިވަނީ 2014ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަގުތައް ބޭނުންކުރުމަށް ރަޝިޔާއާއި ޗައިނާއިން ދެކޮޅު ހެދުމުން ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރަނީ އެންމެ މަގެކެވެ.

ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީވިލާތާއި ޢިރާޤުގެ ސަރަޙައްދީ ރޮނގު 12 މަސް ދުވަހަށް ބޭނުންކުރުމަށް އަޔަލޭންޑާއި ނޯވޭއިން ހުށަހެޅުމުން އެތައް ހަފުތާއެއް ވަންދެން ކުރަމުންދިޔަ މަޝްވަރާތަކުގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ރަޝިޔާއިން ބައިވެރިވެފައެއް ނުވެއެވެ. އެއަށްފަހު ޖުލައި މަހުގެ 8ވަނަ ދުވަހު ރަޝީޔާއިންވަނީ ހަމައެކަނި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު 6 މަސް ދުވަހަށް ބޭނުންކުރުމުގެ ޙުއްދަ ދިނުމަށް ހުށަހަޅައިފައެވެ. އެއަށްފަހު ރަޝިޔާއާއި އެމެރިކާއާ ދެމެދު އެކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ. އަދި ރަޝިޔާއިން ހުށަހެޅި ގޮތަށް ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްފިނުމަށް އެއް ސަރަޙައްދީ ރޮނގު 12 މަސް ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް އެމެރިކާއިންވަނީ އެއްބަސްވެފައެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ސްވިޒަލެންޑުގެ ޖެނީވާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންނާ ދެމެދު ބޭއްވި ބައްދަލުވުމުގައި ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިޔާއިން ހުރަސްއަޅާނަމަ ސޫރިޔާގެ މައްސަލައިގައި ކުރިއަށް އޮތްތަނުގައި އެމެރިކާއާއި ރަޝިޔާއަށް ގުޅިގެން މަސައްކަތް ނުކުރެވޭނެކަމަށް ބައިޑަންވަނީ ޕުޓިންނަށް ދަންނަވައިފައެވެ. ސަލާމަތީ މަޖިލީހުން ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގު ބޭނުންކުރާ މުއްދަތު އިތުރުކުރުމަށް ފާސްކުރުމަށް ރަޝިޔާއިން ހުރަސް ނޭޅުމުން އެމެރިކާއިން ބުނީ އެ ކަމުން ދޭހަކޮށްދެނީ ޚާރިޖީ މަޝްވަރާތައް ކޮށްގެން ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްފިނަމަ ގިނަ ކަންތައްތަކެއް ހާޞިލުކުރެވޭނެކަންކަމަށެވެ. ރަޝިޔާއިންވެސް ބުނެފައިވަނީ ގިނަ މައްސަލަތަކުގައި ދެބަސްވި ނަމަވެސް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރެވިދާނެކަން އެ ނިންމުމުން ދައްކުވައިދޭކަމަށެވެ.

އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެޚޭޝްވަނީ ސޫރިޔާގެ ހާލުގައި ޖެހިފައިވާ 3.4 މިލިޔަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ މަޖިލީހުން ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. ނަމަވެސް ސޫރިޔާއަސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މަގުތައް ބޭނުންކުރެވޭނަމަ އަދި އިތުރު މާލީ އެހީތެރިކަން ލިބޭނަމަ ސޫރިޔާގެ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރުކުރެވޭނެކަމަށް އޭނާ ޤަބޫލުކުރައްވައެވެ.