ހައިޓީގެ މުހިންމު ސަރަޙައްދުތަކާއި އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް އެ ޤައުމުން އެދިއްޖެއެވެ.
އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ހައިޓީން އެދިފައިވަނީ ޖުލައި މަހުގެ 7ވަނަ ދުވަހު އެ ޤައުމުގެ ރައީސް ޖޮވެނެލް މުއީސް ދިރިއުޅުއްވާ ގެކޮޅަށް ޙަމަލާދިނުމަށްފަހު އޭނާ އަވަހާރަކޮށްލުމުން ނުރައްކާތެރި އަދި ބިރުވެރި ޙާލަތަކަށް އެ ޤައުމު ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. ހައިޓީގެ ސަލާމަތީ ބާރުތަކުންވަނީ އެ ޙަމަލާދިނުމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން އެ ޙަމަލާދިނުމުގައި ބައިވެރިވިކަމަށް ޝައްކުކުރެވޭ ބައެއް މީހުންވަނީ ހައްޔަރުވެސްކޮށްފައެވެ.
އެމެރިކާގެ ރިޔަސީ ގަނޑުވަރު، ވައިޓު ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ އެ ޤައުމުގެ ބައިނަލްއަޤްވާމީ ބައިވެރިއެއްކަމަށްވާ ހައިޓީގެ ރައީސް އަވަހާރަކޮށްލުމުން އެ ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ތައްޔާރަށް އޮތްކަމަށެވެ. އެ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އެޖެންޓުން ހައިޓީއަށް ދަތުރުކޮށް އެ ޤައުމުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތްކުރާނެއެވެ.
ހައިޓީގައި ދިން ޙަމަލާގެ ކުރިންވެސް އެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ ޤާބިލުކަން އިތުރުކުރުމަށް އެމެރިކާއިންވަނީ އިސްކަންދީފައެވެ. އެ ގޮތުން ހައިޓީގެ ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް އެމެރިކާއިން 5 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. އަދި އެ ޤައުމަށް ކޯވިޑް-19ގެ ވެކްސިން ފޮނުވުމަށްވެސް އެމެރިކާއިންވަނީ ނިންމައިފައެވެ.