އަފްޣާނިސްތާނުގެ 85 އިންސައްތަ ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.
20 އަހަރު ދުވަހަށްފަހު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯގެ ސިފައިން އެ ޤައުމުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެ ގޮތުން މިހާތަނަށް ޖަރުމަންވިލާތާއި އިޓަލީވިލާތާއި އިނގިރޭސވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އޮގަސްޓު 31ވަނަ ދުވަހުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްވެސްވަނީ ނިންމައިފައެވެ. ބޭރުގެ ފައުޖުތައް ފޭބުމުން އަފްޣާނިސްތާނުގައި ޠާލިބާނުންގެ ނުފޫޒާއި ބާރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ.
އަފްޣާނިސްތާނުގެ ގިނަ ސަރަޙައްދުތައް އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައިކަމަށް އެ ޖަމާޢަތުން ބުނި ނަމަވެސް އެ ޤައުމުގެ ސަރުކާރުން އެކަން ދޮގުކުރެއެވެ. ނަމަވެސް ބައެއް ސަރަޙައްދީ އިސްވެރިން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ މުހިންމު ސަރަޙައްދުތައް އޮތީ ޠާލިބާނުގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނާއި ތަޖިކިސްތާނު ގުޅޭ ސަރަޙައްދީ ރޮނގާއި އަފްޣާނިސްތާނާއި އީރާނު ގުޅޭ ސަރަޙައްދީ ރޮނގު ހިމެނެއެވެ.
ފާއިތުވި ހަފުތާތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުކޮށް، ވަރުގަދަކޮށްފައެވެ. އަދި އަފްޣާނިސްތާނުގެ ސިފައިންވަނީ އަސްކަރީ މަޤާމުތައް ދޫކޮށް ފިލައިފައެވެ. އޭގެ ތެރެއިން ބައެއް ފައުޖުތައްވަނީ އަވަށްޓެރި ތަޖިކިސްތާނުން ޙިމާޔަތްވެސް ހޯދައިފައެވެ. ޠާލިބާނުންގެ ބާރުގަދަވަމުންދާ ދަނޑިވަޅެއްގައި އެ ސަރަޙައްދުގައި ނިރުބުވެރި ޖަމާޢަތްތައް އުފެދުމުގެ ފުރުޞަތު އޮތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މަޝްވަރާތަކަށް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ދަތުރުކޮށްފައިވާ ޠާލިބާނުންގެ ވަފުދުން ބުނި ގޮތުގައި ސަރަޙައްދީ ޤައުމުތަކުގައި އައިއެސްފަދަ ޖަމާޢަތްތަކުން ޙަރަކާތްތެރިނުވާނެކަން ޔަޤީންކުރުމަށް އެ ޖަމާޢަތުން ހުރިހާ ފިޔަވަޅެއް އަޅާނެއެވެ. އަދި އަވަށްޓެރި އެހެން ޤައުމަކަށް ޙަމަލާ ދިނުމަށް އަފްޣާނިސްތާނުގެ ސަރަޙައްދުތައް ބޭނުންނުކުރާނެކަމުގެ ޔަޤީންކަން އެ ޖަމާޢަތުންވަނީ ދީފައެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނީ ބައެއްގެ ބާރުގެ ދަށުގައި ވަކި ސަރަޙައްދެއް އޮތްކަމަށް އެ ބަޔަކު ބުނި ނަމަވެސް އެ ސަރަޙައްދުގައި އެ ބައެއްގެ ބާރު ދެމެހެއްޓޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެކަމަށެވެ. އެހެންކަމުން އަފްޣާނިސްތާނުގެ ސިފައިން މައިދާނަށް ނުކުމެ ޤައުމާއި ރައްޔިތުންގެ ދިފާޢުގައި މަސައްކަތްކުރަންޖެހޭކަމަށް އެ ވުޒާރާއިން ބުނެއެވެ. އެކަން ހާޞިލުކުރުމުގެ ޤާބިލުކަން އަފްޣާނިސްތާނުގެ އަސްކަރިއްޔާއަށް ލިބިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އަފްޣާނިސްތާނުގައި ޙަމަލާބަދަލުކުރުން އިތުރުވުމުން އެ ޤައުމަށް ބޭހާއި އެހެނިހެން ސާމާނު އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިންވަނީ ބުނެފައެވެ. ޙަމަލާތަކުގެ ސަބަބުން ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގޮސްފައިވާކަމަށްވެސް ޑަބުލިޔުއެޗުއޯއިން ބުނެއެވެ. އަދި ކޮންމެހެން މުހިންމު ބޭހާއި އެހެނިހެން ސާމާނު އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަށް ދަތިމުންނާއި ޞިއްޙީ ނިޒާމަށް ދެމުންދާ ޙަމަލާތަކާމެދު އެ ޖަމުޢިއްޔާއިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ޖަމުޢިއްޔާއިން ބުނީ އަފްޣާނިސްތާނުގެ 18.4 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާކަމަށާއި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުމުގެ ނުރައްކާ 3.1 މިލިޔަން ކުޑަކުދިންނަށް ކުރިމަތިވެފައިވާކަމަށެވެ.