އަފްޣާނިސްތާނުގައި ތިބި އިނގިރޭސިވިލާތުގެ ގިނަ ޢަދަދެއްގެ ސިފައިން އެ ޤައުމުން ފައިބައިފިއެވެ. އެއާއެކު ފާއިތުވި 20 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގައި އިނގިރޭސިވިލާތުން ޢަދާކުރަމުން އައި ދައުރުވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބާލާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު ހުޅަނގުގެ އަސްކަރީ އިއްތިޙާދު ނޭޓޯއިންވެސްވަނީ އެ ގޮތަށް ޢަމަލުކުރުމަށް ނިންމައިފައެވެ. އަފްޣާނިސްތާނުގައި އިނގިރޭސިވިލާތުގެ ސިފައިން ޙަރަކާތްތެރިވެފައިވަނީ ނޭޓޯގެ ފައުޖުތަކުގެ ތެރޭގައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ ނޭޓޯގައި ބައިވެރިވާ އިނގިރޭސިވިލާތުގެ ސިފައިން އަނބުރާ ޤައުމަށް އަންނަމުންދާކަމަށެވެ. ސިފައިން އަނބުރާ ޤައުމަށް އަންނަ ތާވަލު ހާމަކުރެވެން ނެތްކަމަށް ފާހަގަކުރައްވަމުން ޖޮންސަން ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އިނގިރޭސިވިލާތުގެ ސިފައިންގެ ތެރެއިން ގިނަ ސިފައިން އެ ޤައުމުން މިހާރު ފައިބާފައިވާކަމަށެވެ. އަފްޣާނިސްތާނުގައި އިނގިރޭސިވިލާތުގެ ސިފައިން ހޭދަކުރި މުއްދަތުގައި ގިނަ ކަންތައްތަކެއް ހާޞިލްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ސިފައިން އަފްޣާނިސްތާނަށް ފުރަތަމަ ފަހަރަށް ފޮނުވީ 2001ވަނަ އަހަރުގެ ތެރޭގައެވެ. 2014އާ ހަމައަށް އެ އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ އަސްކަރީ ޙަރަކާތްތަކުގައި އިނގިރޭސިވިލާތުގެ ސިފައިންވަނީ މުހިންމު ދައުރެއް ޢަދާކޮށްފައެވެ. އިނގިރޭސިވިލާތުގެ 457 ސިފައިންވަނީ އަފްޣާނިސްތާނުގައި މަރުވެފައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ފޭބުމުގެ މަސައްކަތް ކުރިޔަށްދާ މި ޙާލަތުގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޠަލިބާނު ޖަމާޢަތުގެ ޙަމަލާތަށްވަނީ އިތުރުކޮށްފައެވެ. ޖޮންސަން ވިދާޅުވީ އަފްޣާނިސްތާނަށް ގިނަ ގޮންޖެހުންތަކެއް އަދިވެސް ކުރިމަތިވެފައިވާކަމަށް ޤަބޫލުކުރައްވާކަމަށާއި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމި އޮންނާނެކަމަށެވެ. އަފްޣާނިސްތާނުން އިނގިރޭސިވިލާތުގެ ސިފައިން ބޭލުމަކީ އެ ޤައުމަށް ފޯރުކޮށްދެމުންދިޔަ އެހީތެރިކަމުގެ ނިމުންކަމުގައި އެއްވެސް ބަޔަކު ދެކިގެން ނުވާނެކަމަށާއި އަފްޣާނިސްތާނަށް ފުރަގަސް ނުދޭނެކަމަށް ޖޮންސަން ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ޗީފް އޮފް ޑިފެންސް ސްޓާފް ނިކް ސްޓާފުވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ސިފައިން އެ ޤައުމުން ފޭބުމުން އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދެއްވައިފައެވެ. ނަމަވެސް އެފަދަ ޙާލަތެއްގައި ޠަލިބާނުގެ ބާރުގެ ދަށަށް މުޅި ޤައުމު އެއްކޮށް ދިޔުމަކީ ނާދިރުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.