ޚަބަރު

މެލޭޝިއާގެ އެންމެ ބޮޑު ޕާޓީން ބޮޑު ވަޒީރަށް ކުރާ ތާޢީދު އަނބުރާ ގެންގޮސްފި


މެލޭޝިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަންކުރާ އިއްތިޙާދުގެ މައި ޕާޓީކަމަށްވާ ދަ ޔުނައިޓެށް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، ޔޫއެމްއެންއޯއިން އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނަށް ކުރާ ތާޢީދު އަނބުރާ ގެންގޮސްފިއެވެ. އެ ޕާޓީން ބޮޑުވަޒީރަށް ކުރި ތާޢީދު އަނބުރާ ގެންގޮސްފައިވަނީ ކޯވިޑް-19ގެ ޙާލަތުގައި ޤައުމުގެ ކަންކަން ރަނގަޅަށް ހިންގެވުމުގައި ބޮޑުވަޒީރު ނާކާމިޔާބުވެވަޑައިގެންފައިވާކަމަށް ބުނެއެވެ.

ޔޫއެންއެމްއޯއިން ބޮޑުވަޒީރަށް ކުރާ ތާޢީދު އަނބުރާ ގެންގޮސް އެމަނިކުފާނުގެ އިސްތިޢުފާއަށް ގޮވާލާފައިވަނީ ބޮޑުވަޒީރުގެ ނައިބުގެ މަޤާމަށް ޔޫއެންއެމްއޯގެ އިސް ބޭފުޅަކު ޢައްޔަނުކުރުމުގެ ގަޑިއިރުކޮޅެއްގެ ތެރޭގައެވެ. ބެލެވޭގޮތުގައި ސަރުކާރުން އެ މަޤާމަށް ޔޫއެންއެމްއޯގެ އިސް ބޭފުޅަކު ހަމަޖެއްސީ ފާއިތުވި މަސްތަކުގައި ވެރިކަންކުރާ އިއްތިޙާދުގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ބޭނުމުގައެވެ.

ވެރިކަންކުރާ އިއްތިޙާދުގެ މައި ޕާޓީން އެ އިއްތިޙާދުން ވަކިވި ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ވަރަށް ކުޑަ ތަފާތަކުން ލިބިވަޑައިގެންފައިވާ މުޙްޔިއްދީން ޔާސީނާއި އޭނާގެ ވަޒީރުންގެ މަޖިލީހުގެ މަޤާމަށް ބަދަލެއް ނާންނާނެކަމަށް މެލޭޝިޔާގެ ބަންޑާރަ ނައިބު އިދުރީސް ހާރުން ވިދާޅުވެއެވެ. އޭނާ ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިފައިވާކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނީ ސިޔާސީ އިސްވެރިން ނޫންކަމަށާއި ސީދާ ޤަނޫނުހަދާ މަޖިލީހުންކަމަށެވެ.

ޖުލައި މަހުގެ 26ވަނަ ދުވަހު ފަސް ދުވަހަށް ދެމިގެންދާ ޚާއްޞަ ބައްދަލުވުމެއް ފެށުމަށް މެލޭޝިއާގެ ޤާނޫނުހަދާ މަޖިލީހުންވަނީ ނިންމައިފައެވެ. އެއީ ކޯވިޑް-19ގެ ޙާލަތުގެ ސަބަބުން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ޤާނޫނުހަދާ މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލި ފަހުން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މަޤާމާ މުޙްޔިއްދީން ޙަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 1ވަނަ ދުވަހުއެވެ. ފާއިތުވި 16 މަސް ދުވަހުގެ ތެރޭގައި މެލޭޝިއާގެ ސިޔާސީ މަސްރަޙުވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ސަރުކާރުގެ ތެރޭގައި ބޮޑެތި ބައިބައިވުންތައް އުފެދުމުގެ އިތުރުން އިދިކޮޅު ސިޔާސީވެރިޔާ އަންވަރު އިބްރާހީމުގެ ފަރާތުން ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.