ބުރެޒިލުގައި މިހާރު ބޭނުންކުރާ ވޯޓުލުމުގެ ނިޒާމު ބަދަލުނުކުރާނަމަ އަންނަ އަހަރު އެ ޤައުމުގައި ބާއްވައި ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރުން އެކަށީގެންވާކަމަށް ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.
ބުރެޒިލުގައި ވޯޓުލުމަށް މިހާރު ބޭނުންކުރަނީ ކޮންޕިޔުޓަރު ނިޒާމެކެވެ. އޭގެ ބަދަލުގައި ބޮލްސޮނާރޯ ބޭނުންފުޅުވަނީ ޗާޕުކޮށްފައިވާ ވޯޓު ކަރުދާސް ބޭނުންކުރުމަށެވެ. ރޭޑިޔޯ ޗެނަލެއްގައި ވާހަކަދައްކަވަމުން ބޮލްސޮނާރޯ ވިދާޅުވީ ކޮންޕިޔުޓަރު ނިޒާމު ބޭނުންކުރާނަމަ ގިނަ މައްސަލަތަކެއް ދިމާވާނެކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ އިންތިޚާބުގައި ބައިވެރިވާ ކޮންމެވެސް އެއް ފަރާތަކުން އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރުންކަމަށެވެ. އަދި އެ ފަރާތަކީ އޭނާއަށް ވެދާނެކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކުރުމުގެ ފުރުޞަތު އޮތްކަމަށް ބޮލްސޮނާރޯ ވިދާޅުވުމުން އެ ބޭފުޅަކަށް ބޮލްސޮނާރޯ ވަރަށް އިޚްތިރާމުކުރައްވާ ބޭފުޅެއްކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕެކޭ އެއްގޮތަށް އިންތިޚާބުގައި ނާކާމިޔާބުވެއްޖެނަމަ ބަލިޤަބޫލުކުރައްވަން ދެކޮޅުހައްދަވާނެކަމުގެ ކަންބޮޑުވުންތައްވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓުރަންޕު ނާކާމިޔާބުވެވަޑައިގަތުމުން އޭނާވަނީ އިންތިޚާބު އޮޅުވާލައި ވަގަށް ނަގާފައިވާކަމުގެ ތުޙްމަތު ކުރައްވައިފައެވެ. އަދި ބޮލްސޮނާރޯވަނީ އެ ތުޙްމަތުތަކަށް ތާޢީދުވެސް ކުރައްވައިފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ބޮލްސޮނާރޯވަނީ ރިޔާސީ އިންތިޚާބުގައި އެއްވެސް އޮޅުވާލުމެއް އޮތްނަމަ ވޯޓަށްފަހު ރައީސްކަމުގެ މަޤާމު އެހެން ފަރާތަކާ ޙަވާލުނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަތަކުގެ ސަބަބުން ވޯޓުލުމުގެ ނިޒާމާމެދު އޮންނަ އިތުބާރު ގެއްލެމުންދާކަމަށް ފާޑުކިޔައި ފަރާތްތަކުން ފާހަގަކުރެއެވެ.