ޚަބަރު

"އިންޓަރކަނެކްޝަން"ގެ މަސައްކަތަަކަށް މާދަމާ ހެނދުނު ކަރަންޓު ކަނޑާލާނެ - ސްޓެލްކޯ


މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑާލަން ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު ކަނޑާލަނީ މާދަމާ ހެނދުނު 7:00އިން 9:00އާ ދޭތެރޭގައި ކަމަށެވެ.

ކަރަންޓު ކަނޑާލަން ހަމަޖެހިފައިވަނީ އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓް އެއްވިއުގައަކުން ގުޅާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މިމަސައްކަތް ނިންމޭހާ އަވަހަކަށް ކަރަންޓު ޚިދުމަތް މެދުކަނޑާލެވޭ ހިސާބުތަކަށް އަލުން ޚިދުމަތް ދެވިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މިވަގުތުތަކުގައި ޢާއްމުނަށް ދިމާވާނެ ދަތިތަކަށްޓަކާ ސްޓެލްކޯއިން މާފަށް އެދޭކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އިންޓަކަނެކްޝަނާއެކު މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ތެރެއިން އެއްތަނަކުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ތަނުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

"ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ޕްރޮޖެކްޓް"ގެ ދަށުން މާލެއާއި ހުޅުލެއާއި ހުޅުމާލޭގައި އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ބްރިޖްމެދުވެރިކޮށެވެ. މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލޭ ކަރަންޓު، އެއްވިއުގައަކުން ގުޅާލުމަށްޓަކައި ބްރިޖް މަތިން ޖުމުލަ 6 ކޭބަލް އަޅަން ޖެހެއެވެ. މި ވިއުގައިން 3 ރަށުގެ ކަރަންޓު ގުޅާލާނީ ބްރިޖާއި ހައިވޭ މެދުވެރިކޮށް އަޅާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ކެރީކުރެވޭ ނެޓްވޯކް ކޭބަލެކެވެ.