ޚަބަރު

ރާއްޖެއިން އިތުރު 139 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 139 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުގައި އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ 139 މީހުންނެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 81 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 8 މީހެއްގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި 2 މީހަކާއި ސިނާޢީ މަސައްކަތް ކުރާ ރަށަކުން ޕޮޒިޓިވްވި 22 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 74،724އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް ވަނީ މަދުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2،932 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 355 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 71،567 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4،745 ސާމްޕަލެއް ވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 213 މީހުން ވަނީ ނިޔާވެފައެވެ.