ޚަބަރު

މާލޭގައި ކާފިއު އުވާލައި، ބޮޑެތި ލުއިތަކެއް ދީފި


ކޯވިޑާއި ގުޅިގެން މާލެ ސަރަޙައްދުގައި އިއުލާންކޮށްފައި އޮތް ކާފިއުގެ ހާލަތު އުވާލައި، ބޮޑެތި ލުއިތަކެއް ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާދަމާއިން ފެށިގެން މާލެ ސަރަޙައްދުގައި ކާފިއު އިއުލާންކުރުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި ރޭގަނޑު 11:30 ވަންދެން ރެސްޓޯރަންޓް ކެފޭތައް ހުޅުވައިގެން ޚިދުމަތްދެވޭއިރު، ފިހާރަތައްވެސް 10:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އައީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަމުންނެވެ.

މާލެ ސަރަޙައްދުގައި ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި ސިނަމާތަކާއި، ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު 30 މީހުންނަށް ވުރެ ގިނަ މީހުންނަށް ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދޭން ނިންމާފައެވެ.

މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ލުއި ދޭން ނިންމާފައިވާއިރު، މާލެ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.