ޚަބަރު

އީރާނުގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑޭތީ ރޫޙާނީ މަޢާފަށް އެދިވަޑައިގެންފި


އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްވަރެއްގައި އީރާނުގެ ސަރަޙައްދުތަކުން ކަރަންޓު ކެނޑޭތީ އެ ޤައުމުގެ ރައީސް ޙަސަން ރޫޙާނީ މަޢާފަށް އެދިވަޑައިގެންފިއެވެ.

އީރާނުގެ ސަރަޙައްދުތަކުން ކަރަންޓު ކެނޑޭތީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުއި ގިނަ ޢަދަދެއްގެ މީހުން ދަނީ މުޒާހަރާކުރަމުންނެވެ. އަވަސްއަވަހަށް ކަރަންޓު ކެނޑޭތީ ޢާންމުންގެ ގެދޮރުން ފެން ކެނޑި ކާބޯތަކެތި ހަލާކުވުމާއި ހިފައި ގެންގުޅޭ ސާމާނު ހަލާކުވަމުންދާތީ ޢާންމުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ބައެއް ސަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތައްވަނީ ސިޔާސީ މުޒާހަރާތަކަކަށްވެސް ބަދަލުވެފައެވެ.

އީރާނުގެ ސަރުކާރުން ބުނެފައިވަނީ ކަރަންޓު ކެނޑުން އިތުރުވެފައިވަނީ ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުންނާއި ވާރޭވެހުން މަދުވެ ފެނުގެ ބޭނުންކޮށްގެން ހަކަތަ އުފެއްދޭ މިންވަރު ދަށަށް ދިޔުމުގެ ސަބަބުންކަމަށެވެ. އޭގެ އިތުރުން ސަރުކާރުން ސަބުސިޑައިޒުކޮށް ދޫކޮށްފައިވާ ކަރަންޓުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ކުރިޕްޓޯކަރަންސީ މައިންކުރާ ފާމުތަކުގެ ސަބަބުންވެސް ކަރަންޓު ފޯރުކޮށްދިނުމަށް ބުރޫއަރާފައިވާކަމަށް އީރާނުގެ ސަރުކާރުން ބުނެއެވެ.

ދަޢުލަތުގެ ޓީވީ މެދުވެރިކޮށް ރޫޙާނީ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ޢާންމުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާކަމަށެވެ. އެ ޙާލަތުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ޢާންމުންގެ އެއްބާރުލުން ދިނުމަށް އޭނާ ގޮވައިލެއްވިއެވެ. ޢާންމުންގެ ޝަކުވާތައް ބަލައިގަންނަކަމަށްވެސް ރޫޙާނީ ވިދާޅުވިއެވެ.