ޚަބަރު

ކޯވިޑް-19އަށް ފަރުވާ ދިނުމަށް އިތުރު ބޭސްތަކެއް ބޭނުންކުރުމުގެ ޙުއްދަ ޑަބުލިޔުއެޗުއޯއިން ދީފި


ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޙާލަތު ގޯސްވެ މަރުވުމުން ސަލާމަތްކުރުމަށް ރާއްޖެބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއްކަމަށްވާ ރޯޝް ކުންފުނީގެ އެކުޓެމުރާއާއި ސެނޮފީ ކުންފުނީގެ ކެވުޒާރާ ބޭސް ބޭނުންކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން ލަފާދީފިއެވެ.

ޑަބުލިޔުއެޗުއޯއިން 11،000 ބަލިމީހުންގެ މެދުގައި ކުރި ދިރާސާއެއްގެ ނަތީޖާއިން ދެއްކި ގޮތުގައި ކޯވިޑް-19ގެ ސަބަބުން ޙާލުދެރަވާ ބަލިމީހުންނަށް ރާއްޖެބައްޔަށް ފަރުވާކުރުމުގައި ބޭނުންކުރާ ދެ ބޭހަކާއި ކޯޓިކޯސްޓެރޮއިޑާއެކު ބޭނުންކުރުމުން ޙާލުދެރަ ބަލިމީހުން މަރުވުމުގެ ފުރުޞަތާއި ވެންޓިލޭޓަރަށް ލާންޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. ޑަބުލިޔުއެޗުއޯއިން ކުރި ދިރާސާގައި ބައިވެރިކުރި 10،930 ބަލިމީހުންގެ ތެރެއިން 6،449 މީހުންނަށްވަނީ އެކުޓެމުރާ ނުވަތަ ކެވުޒާރާ ދީފައެވެ. 4،481 މީހުންނަށް ދީފައިވަނީ ޕުލެސީބޯއެއް ނުވަތަ އާންމުކޮށް ދެމުންދާ ފަރުވާއެވެ. ޑަބުލިޔުއެޗުއޯއިން ބުނީ ފަރުވާދިނުމަށް ކޯޓިކޯސްޓެރޮއިޑާއެކު ރާއްޖެބަލީގެ ބޭސް ބޭނުންކުރުމުން ބަލިވުމުގެ 28 ދުވަހުގެ ތެރޭގައި މަރުވާ މީހުންގެ ނިޞްބަތް 21 އިންސައްތައަށް ދަށަށްދާކަމަށެވެ. ނަމަވެސް ފަރުވާ ދިނުމުގައި އެ ބޭސްތައް ބޭނުން ނުކުރާ މީހުންގެ މެދުގައި އެ ނިޞްބަތް ހުންނަނީ 25 އިންސައްތައިގައެވެ. އެ ގޮތުން ކޮންމެ 100 މީހުންގެ ތެރެއިން އިތުރު ހަތަރު މީހުންގެ ފުރާނަ ސަލާމަތްކުރެވޭކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ.

ޑަބުލިޔުއެޗުއޯއިން ބުނީ އާންމުކޮށް ދެމުންދާ ފަރުވާ ދިނުމުން ޙާލުދެރަ ބަލިމީހުން ވެންޓިލޭޓަރަށް ލާންޖެހުމާއި މަރުވުމުގެ ފުރުޞަތު 33 އިންސައްތައަށް އޮތް ނަމަވެސް ކޯޓިކޯސްޓެރޮއިޑާއެކު ރާއްޖެބަލީގެ ބޭސް ވޭނުންކުރުމުން ވެންޓިލޭޓަރަށް ލާންޖެހުމުގެ ފުރުޞަތު 26 އިންސައްތައަށް ދަށްވެއެވެ. އެހެންކަމުން ޙާލު ދެރަވާ ކޮންމެ 100 ބަލިމީހުންގެ ތެރެއިން ވެންޓިލޭޓަރަށް ލާން ނުޖެހޭ މީހުންގެ ޢަދަދު އޭގެ ސަބަބުން އިތުރުކޮށްދޭކަމަށް ޑަބުލިޔުއެޗުއޯއިން ބުނެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާގެ ފުޑު އެންޑު ޑުރަގު އެޑްމިނިސްޓުރޭޝަނުންވަނީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް ކުއްލި ޙާލަތުގައި އެކްޓެމުރާ ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ.