އީރާނުން ޔުރޭނިޔަމު ފައްކާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އދގެ ނިޔުކްލިޔަރ ހަކަތަޔާބެހޭ އިދާރާ، އައިއޭއީއޭއިން ބުނެފިއެވެ.
2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ރައީސް ޑޮނަލްޑު ޓުރަންޕު ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާއި ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. އެމެރިކާއިންވަނީ އެއްބަސްވުމުގައި އަލުން ބައިވެރިވުމުގެ ޝައުޤުވެރިކަން ފައުޅުކޮށްފައެވެ. އަދި އަލުން އެއްބަސްވުމަށް ޢަމަލުކުރާނެ ގޮތްތަކާމެދު ދުނިޔޭގެ ބާރުތަކުން ދަނީ މިދިޔަ އޭޕުރިލް މަހުން ފެށިގެން އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި އިރާނާއެކު މަޝްވަރާތައް ކުރަމުންނެވެ.
އައިއޭއީއޭއިން ބުނީ 20 އިންސައްތައަށް ޔުރޭނިޔަމް އޮކްސައިޑު ފައްކާކުރުމަށްފަހު އިސްފަހާނުގައި ހުންނަ ނިޔުކްލިޔަރ މަރުކަޒަށް ފޮނުވާނެކަމަށް އީރާނުން އައިއޭއީއޭއަށް އަންގާފައިވާކަމަށެވެ. އީރާނުން ޔުރޭނިޔަމު ފައްކާކުރުމުން ނިޔުކްލިޔަރ ހަތިޔާރު އުފެއްދުމަށް އެ ޤައުމަށް މަގުފަހިވާނެއެވެ. އީރާނުން ޔުރޭނިއަމު ފައްކާކުރަން ފެށުމުން 2015ވަނަ އަހަރުގެ ނިޔުކްލިޔަރ މަޝްރޫޢު ރުޖޫޢަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާނެކަމަށް ބެލެވެއެވެ. އެމެރިކާއާއި ވިލާތުގެ އިސްވެރިންވެސްވަނީ އެ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ގޮތުން އެމެރިކާއިން ބުނެފައިވަނީ ޔުރޭނިޔަމު ފައްކާކުރަން އީރާނުން ފެށުމަކީ ފަހަތަށް އެޅި ފިޔަވަޅެއްކަމަށެވެ. އީރާނުން ބުނީ އެ ޤައުމުން ޔުރޭނިޔަމު ފައްކާކުރަނީ ހަކަތަ އުފެއްދުމަށްކަމަށެވެ.
ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުން ޔުރޭނިޔަމު އުފައްދަންޖެހޭ އެއްވެސް މަޤްބޫލު ސަބަބެއް ނެތްކަމަށެވެ. އަދި އީރާނުގެ ޢަމަލުތަކާމެދު އެ ޤައުމުތަކުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އޭގެ ސަބަބުން ވިޔެނާގައި ކުރަމުންދާ މަޝްވަރާތަކަށް ހިޔަނިއެޅޭނެކަމަށްވެސް އެ ޤައުމުތަކުން ފާހަގަކުރިއެވެ.