ޤައުމުގެ އިޖްތިމާޢީ ކަންކަން ރަނގަޅުކުރުމަށް ހުރިހާ ފަރާތަކުންވެސް އެއްބާރުލުންދީގެން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމެއްކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިހެން ވިދާޅުވީ ސަރުކާރުގެ ސޯޝަލް އެތިކްސް ކޮމިޓީއާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސޯޝަލް އެތިކްސް ކޮމިޓީއާއެކު ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ބޭއްވި ބައްދަލުކުރެއްވުމަކީ ރާއްޖޭގެ މުޖުތަމަޢުގައި ހުރި ނޭދެވޭ އާދަކާދަތައް ނައްތާލައި، މުޖުތަމަޢުގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސްކޫލް ތެރޭގައި ކުދިންނަށް ޚާއްޞަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާއި ސްކޫލުން ބޭރުގައި ހިންގޭނެ ޕްރޮގްރާމްތަކަކީ ކޮބައިތޯ ބަލައި، ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެއްކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ޤައުމުގެ އިޖްތިމާޢީ ކަންކަން ރަނގަޅުކުރުމަށް އެއްބާރުލުންދީ މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ އެދިލެއްވުމެއްކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބައިވެރިން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސްކޫލްތައް މެދުވެރިކޮށް، ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރިވެތި އަދަބު އަޚްލާޤާއި، ހަމަތަކާއި އުޞޫލުތައް ކުދިންގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާއި ހިންގިދާނެ ޙަރަކާތްތަކާ ގުޅޭގޮތުންނެވެ.