ޚަބަރު

އުތުރު ކޮރެޔާގެ މައްސަލާގައި އެމެރިކާއިން ޗައިނާއާ މަޝްވަރާކޮށްފި


އުތުރު ކޮރެޔާގެ މައްސަލާގައި އެމެރިކާއިން ޗައިނާއާ މަޝްވަރާކޮށްފިއެވެ. އެ ގޮތުން އެމެރިކާއިން އުތުރު ކޮރެޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސުން ކިމުވަނީ ފޯނު މެދުވެރިކޮށް ޗައިނާއިން ކޮރެޔާ ސަރަޙައްދަށް ކަނޑައަޅާފައިވާ މަންދޫބު ލިޔު ޝިޔޮމިންގާ މަޝްވަރާކޮށްފައެވެ. އެ ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ އުތުރު ކޮރެޔާއާ މަޝްވަރާކުރުމަށް އެމެރިކާއިން ކުރަމުންދާ ހުރިހާ މަސައްކަތްތަކަށް އުތުރު ކޮރެޔާއިން އިޖާބަ ނުދިނުމުންނެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ޤައުމުގެ ބައިވެރިންކަމަށްވާ ދެކުނު ކޮރެޔާއާއި ޖަޕާނާ ގުޅިގެން އުތުރު ކޮރެޔާގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ. އެ މަސައްކަތުގައި ޗައިނާގެ ދަޢުރެއްވެސް އޮންނާނެކަމަށާއި އުތުރު ކޮރެޔާގެ މައްޗަށް ޗައިނާގެ ނުފޫޒު އޮންނަކަމަށްވެސް އެމެރިކާއިން ފާހަގަކުރިއެވެ. އެހެންކަމުން ޗައިނާ މެދުވެރިވެގެން އުތުރު ކޮރެޔާއާ މަޝްވަރާކުރެވޭނެކަމަށް އުންމީދުކުރާކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާގެ މަންދޫބުވަނީ މިދިޔަ މަހުގެ ތެރޭގައި ދެކުނު ކޮރެޔާއަށް ޒިޔާރަތްކުރައްވައި އުތުރު ކޮރެޔާގެ ނިޔުކްލިޔަރ މަޝްރޫޢު ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން އުތުރު ކޮރެޔާއާ ވާހަކަދެއްކުމަށް އެމެރިކާއިން ކޮށްފައިވާ މަސައްކަތްތަކަށް އެ ޤައުމުންވަނީ ފުރަގަސްދީފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުވަނީ އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންއާ ތިން ފަހަރެއްގެ މަތިން ބައްދަލުކުރައްވައިފައެވެ. ނަމަވެސް ނިޔުކްލިޔަރ މަޝްރޫޢު ހުއްޓައިލުމަށް ކިމު އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.