ޚަބަރު

ހުޅަނގު މޫސުމްގެ ބާރުގަދަވަނީ، ސަމާލުވޭ އުދަ އަރާފާނެ


ކުރިޔަށް އޮތް ހަތަރު ދުވަހު ރާޢްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވިދާޅުވީ މިއަދުން ފެށިގެން ހުޅަނގު މޫސުމްގެ ބާރުގަދަވެ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާލުރެވޭކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިޔަށް އޮތް 4 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. ރާޅުގެ އުސްމީން ހުރީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ އާއްމުކޮށް ހުރިހާ ފަރާތްތަކުންވެސް ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.