ދުނިޔެ

ވިސާ އެއްބަސްވުން އުވާލަން ރަޝިޔާއިން ނިންމައިފި


ރަޝިޔާއާ ތުރުކީވިލާތާ ދެމެދު ދަތުރުކުރުމުގައި ވިސާ ނަގަން ނުޖެހޭގޮތަށް ވެފައި އޮތް އެއްބަސްވުން އުވާލުމަށް ރަޝިޔާއިން ނިންމައިފިއެވެ.ސޫރިޔާ ހަނގުރާމައިގައި ރަޝިޔާއިން ބޭނުންކުރަމުންދިޔަ އަސްކަރީ މަތިންދާ ބޯޓެއް، ތުރުކީވިލާތުން ވައްޓާލުމުގެ މައްސަލައިގައި ރަޝިޔާއާ ތުރުކީވިލާތާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާ މިދަނޑިވަޅުގައި، ރަޝިޔާއިން މިނިންމުން ނިންމާފައިމިވަނީ ޓެރަރިސްޓުން ކަމަށް ޝައްކު ކުރެވޭކަމަށްބުނެ ތުރުކީވިލާތުން ރަޝިޔާގެ ރައްޔިތުންތަކެއް ހިފަހައްޓާފައިވަނިކޮށެވެ.ރަޝިޔާގެ މި ނިންމުން އިޢުލާނުކުރަމުން، ތުރުކީވިލާތާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ވިސާ ނުނަގާ ދެޤައުމު ދެމެދު ދަތުރުތައް ކުރުމަށް ނިންމާފައި އޮތް ނިންމުން އަންނަ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުކުރަން ނިންމާފައިވާ ކަމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވިއެވެ.ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާއިން ވަނުމަށްފަހު ވޭތުވެދިޔަ ދުވަސްތަކުގައި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ މިސްރާބުތަކަށް ގިނަ ހަމަލާތަކެއްދީ، އެޖަމާޢަތުގެ ހަނގުރާމަވެރިން ފަހަތައްޖެއްސުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރަޝިޔާއިން ބުނެއެވެ. ސޫރިޔާގައި 2011 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް އެޤައުމުގެ އެތައް ހާސް ބަޔަކު ވިލާތުގެ ޤައުމުތަކަށް ދަނީ ހިޖުރަ ކުރަމުންނެވެ.