ޚަބަރު

އިންސާނީ ވަގުފާރީގެ މައްސަލަތައް ޙައްލުކުރާނެކަމަށް މެލޭޝިޔާއިން ބުނެފި


މެލޭޝިޔާގައި މަސައްކަތްކުރާ ބޭރުގެ މަސައްކަތްތެރިންނަށް ވަޒީފާ ދިނުމަށް ނަގައި ފީތައް ދިރާސާކޮށް މަސައްކަތްތެރިން ނިޞްބަތްވާ ޤައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އަލުން މުރާޖަޢާކުރާނެކަމަށް އެ ޤައުމުން ބުނެފިއެވެ. މެލޭޝިޔާއިން އެހެން ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ވުޒާރާއިން އެކުލަވާލާފައިވާ އިންސާނީ ވަގުފާރީގެ ރިޕޯޓުގައި މެލޭޝިޔާގެ މަޤާމު ދަށަށް ދިޔުމުންނެވެ.

މިދިޔަ ހަފުތާގައި އެމެރިކާއިން ނެރުނު ޓުރެފިކިން އިން ޕާސަންސް، ޓީއައިޕީ ރިޕޯޓުގައި މެލޭޝިޔާ ހިމަނާފައިވަނީ 3ވަނަ ދަރަޖާގައެވެ. އެ ރިޕޯޓުގައި ބުނީ މެލޭޝިޔާގައި ވަގުފާރީގެ މައްސަލަތައް ގިނަކަމަށާއި މީހުން ލައްވައި ގަދަކަމުން މަސައްކަތްކުރުވުމަކީ އެ ޤައުމުގައި ޢާންމުވެފައިވާ ކުށެއްކަމަށެވެ.

މެލޭޝިޔާގެ ސަރުކާރުން ބުނީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ބަލާނެކަމަށާއި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ބެލުމަށް އިތުރު ސަމާލުކަމެއް ދޭނެކަމަށެވެ. އަދި ޙާލަތު ރަނގަޅުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށްވެސް މެލޭޝިޔާގެ ސަރުކާރުން ބުނެއެވެ.

މި އަހަރުގެ މެއި މަހާއި ޖޫން މަހުގެ 4ވަނަ ދުވަހާ ދެމެދު މޮބައިލް އެޕުލިކޭޝަނެއް މެދުވެރިކޮށް މަސައްކަތްތެރިންގެ ފަރާތުން 4،636 ޝަކުވާ ލިބިފައިވާކަމަށް މެލޭޝިޔާގެ ހިޔުމަން ރިސޯސަސް ވުޒަރާއިން ބުނެއެވެ. އޭގެ ތެރެއިން 3،502 ޝަކުވާއަކާ ގުޅިގެން ފިޔަވަޅު އަޅާފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ގޮތުން ގަދަކަމުން މަސައްކަތްކުރުވާކަމުގެ ތުޙްމަތުތައް ތަޙްޤީޤުކުރަމުންދާކަމަށް އެ ވުޒާރާއިން ބުނެއެވެ.

މެލޭޝިޔާގައި ޤަވާއިދާ އެއްގޮތަށް އެތެރެވެ މަސައްކަތްކުރާ ދެ މިލިޔަނަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. އެ ޤައުމުގެ ގިނަ ސިނާޢަތްތަތަކުގައި މަސައްކަތްކުރަނީ ބަންގްލަދޭޝާއި ނޭޕާލާއި އިންޑިޔާފަދަ ޤައުމުތަކަށް ނިޞްބަތްވާ މަސައްކަތްތެރިންނެވެ.