ޚަބަރު

ޢަދާލަތު ޕާޓީ ދެމިއޮންނާނީ މިސަރުކާރާއެކު - ޝައިޚު އިމްރާން


ޢަދާލަތު ޕާޓީގެ އަމާޒާއި މަޤްޞަދުތަކާ އެއްގޮތަށް މިހާރުގެ ސަރުކާރާއެކު، ދެމި އޮންނާނެކަމަށް އެޕާޓީގެ ރައީސް އަދި މިހާރުގެ ހޯމްމިނިސްޓަރ ޝައިޚު އިމްރާނު ޢަބްދުﷲ ވިދާޅުވެއެޖެއެވެ. އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޚާއްސަ ޙަރަކާތެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޚާއްސަ ޙަރަކާތެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދިﷲ ވިދާޅުވީ ވާދަވެރި އެހެން ޕާޓީތަކާވެސް އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ޢަދާލަތު ޕާޓީގައި އެބަހުރިކަމަށެވެ. އެޕާޓީން ދެމި އޮންނާނީ ސަރުކާރާއެކުގައިކަމަށާ، ޕާޓީގެ ސިޔާސަތާއި އުސޫލުތަކާ އެއްގޮތަށް ސަރުކާރަށް އެއްބާރުލުން ދިނުންމަތީގައި ޢަދާލަތު ޕާޓީ ދެމިއޮންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީއަކީ ޢަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ދީނީ، ސިޔާސީ އަދި އިޖްތިމާޢީ ނިޒާމެއް އެކުލެވޭ ޕާޓީ އެއްކަމަށެވެ. އަދި އެނިޒާމު ދިވެހިރާއްޖޭގައި ހަރުދަނާކުރުމަށް މަސައްކަތް ކުރުން އެއީ ޢަދާލަތު ޕާޓީގެ އަމާޒާއި މަޤްޞަދުކަން ޝައިޚު އިމްރާން ފާހަގަކުރެއްވިއެވެ. އަދި ޢަދާލަތު ޕާޓީ އުފެދިގެންއައި ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް އެޕާޓީގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަތްވާވެގެންވާ އިސްލާމް ދީނުގެ ސައްޙަ އަޤީދާއާއި ޙައްޤު ދަޢުވަތު ޙިމާޔަތް ކުރާނެ ސިޔާސީ ފުރިހަމަ ބާރެއް ރާއްޖޭގައި ޤާއިމުކޮށް ދަމަހެއްޓުން އެއީ އެޕާޓީގެ ސާފު އަމާޒެއްކަމަށްވެސް ޝައިޚު އިމްރާން ވިދާޅުވެއެވެ.

އަދި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލާ މިނިވަންކަން ޙިމާޔަތްކުރުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމުގައި ޢަދާލަތު ޕާޓީން ފަހަތަށް ނުޖެހި މަސައްކަތްކުރާނެކަމަށް އިމްރާން ވިދާޅުވިއެވެ. ޢަދާލަތު ޕާޓީން ފެށި، މެންބަރުން އިތުރުކުރުމުގެ ޙަރަކާތުގެ އަމާޒަކީ އެޕާޓީއަށް 10،000 މެންބަރުން ހަމަކުރުމާއި ސަރުކާރުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއެއްގެގޮތުގައި ޢަދާލަތު ޕާޓީ ހިމެނުންކަމަށް ޝައިޚު އިމްރާން ވިދާޅުވެއެވެ.