ޚަބަރު

ސްކޫލް ކުދިންނަށް، އިތުރު 1500 ޓެބްލެޓް ލިބިއްޖެ - މިނިސްޓަރ


ދަރިވަރުންނަށް ބޭނުންވާ އިތުރު 1،500 ޓެބްލެޓް ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތަޢުލީމީ ސިޔާސަތާ ގުޅޭގޮތުން ބޭއްވި ޕެނެލަޑިސްކަޝަންއެއްގައި ޢާއްމު ރައްޔިތަކުވަނީ، ކޯވިޑް-19ގެ ދަނޑިވަޅުގައި ދަރިވަރުން އޮންލައިންކޮށް ކިޔަވަންޖެހި ޓެބްލެޓް ނުލިބުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށްފައެވެ. އަދި ޓެބް ނުލިބޭ ދަރިވަރުންނަށް ޓެބް ފޯރުކޮށްދޭނެތޯ ސުވާލު ދެންނެވުމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޓެބްލެޓްތައް ބަހާފައިވަނީ ގްރޭޑް 3އިން މަތީގެ ދަރިވަރުންނަށް ކަމަށާއި އޭރު އެގޮތަށް ކަންކޮށްފައިވަނީ ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ބޭނުންވާވަރަށް އެވަގުތު ޓެބްލެޓް ނެތުމުގެ ސަބަބުންކަމަށެވެ.

އެހެންނަމަވެސް މިހާރު އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި މަސައްކަތްތަކުން އިތުރު 1،500 ޓެބްލެޓް ލިބިފައިވާކަމަށާ، އަދިވެސް ޓެބްލެޓްތައް ހޯދުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓެބްލެޓްތައް ނެތުމުގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ ފިލާވަޅުތައް ފޯރުކޮށްނުދެވިފައި ނުހުންނާނެކަމަށާއި ޓީވީއާ އެހެނިހެން ގޮތްގޮތަށްވެސް ދަރިވަރުންނަށް އުނގަންނައިދީފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ 70،000އަށްވުރެ ގިނަ ޓެބްލެޓް ދަރިވަރުންނަށާއި މުދައްރިސުންނަށް ދިނުމަށް ނިންމިއެވެ. އަދި ދަރިވަރުންގެ ޢަދަދު އިތުރުވާ މިންވަރަކުން އެ ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައްވެސް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓެބްލެތްތަކާއެކު ސްކޫލްގައި އިންޓަރނެޓްގެ ކަނެކްޝަން ރަނގަޅު ކުރުމަސްވެސް މަސައްކަތް ކުރައްވާފައެވެ. މީގެއިތުރުން ޓެބްލެޓާއެކު ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކުރުމާއި އިންޓަނެޓް ނެތަސް ފިލާވަޅުތައް މުޠާލިއާ ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.