ދެ ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލްއަށް، ރާއްޖޭގައި އެގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދެއްވައިފިއެވެ.
ރާއްޖޭގައި އެ ޤައުމުތަކުގެ އޮނަރަރީކޮންސިލްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަދިންކަމުގެ، ހަވާލުކޮސްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ. މިއަދު އެގްޒެކެޓަރ ހަވާލުކުރެއްވީ ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހާއި، އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް ޖަޢުފަރު އީސާ އާދަމެށެވެ.
އެކި ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލް އިންނަކީ އެގައުމުތަކުގެ ސަރުކާރުން ކަނޑައަޅުއްވާ، އެގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުންނެވެ.
އޮނަރަރީ ކޮންސުލް އިން އައްޔަންކުރުމުގައި ދިވެހި ސަރުކާރުގެ ދައުރަކީ އޮނަރަރީ ކޮންސުލްގެ ގޮތުގައި އެގައުމަކުން ކަނޑައަޅާ ބޭފުޅަކު، ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދެއްވުމެވެ. އެބޭފުޅުން ކަނޑައެޅުމުގައި ދިވެހި ސަރުކާރުގެ އަދި ފޮރިން މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯވެއެވެ. މިކަން ހިނގަނީ ވިއެނާ ކޮންވެންޝަންސްގެ ދަށުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ ކުރިން ވަނީ ސްވިޑަންއާއި މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާ އޮނަރަރީ ކޮންސުލްއަށްވެސް ހުއްދަ ދެއްވާފައެވެ.