ކުޅިވަރު

ވިކްޓްރީއާއި ވެލެންސިޔާ އެއްވަރުވެއްޖެ


އޫރިދޫ ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީއާ ވެލެންސިޔާ އެއްވަރުވެ ގަދަ ހަޔެއްގެ ވާދަވެރިކަން ބޮޑުވެއްޖެއެެވެ. ރޭ ކުޅުނު މެޗް ނިމުނީ، އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ދެ ޓީމަށްވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް އެއިން ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ. ލީގުގައި ވިކްޓްރީއަށް ސާދަ ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިޔާ އަދި ބީޖީއަށް ލިބިފައިވަނީ ތޭރަ ޕޮއިންޓް. ވިކްޓްރީ ލީގުގެ ފަސްވަނައިގައި އޮތްއިރު ބީޖީއާއި، ވެލެންސިޔާއަށްވެސް ފަސްވަނަ ޖާގަޔަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ލީގު ތާވަލުގެ ފުލުގައި ދެ ޕޮއިންޓާއެކު އޮތް މަހިބަދޫ ވަނީ ރެލެގޭޓްވެފައެވެ. ލީގުގެ ހަތްވަނައިގައި އޮންނަ ޓީމް ޖެހޭނީ، ދެވަނަ ޑިވިޜަނުގެ ދެވަނަ ހޯދާ ޓީމާއެކު ޕްލޭ އެފް ކުޅެންށެވެ. ލީގުގެ ފަހު މެޗުގައި ވިކްޓްރީ ބީޖީއާއި ދެކޮޅަށް ނުކުންނައިރު، ވެލެންސިޔާ ނުކުންނާނީ މަހިބަދޫއާއި ދެކޮޅަށެވެ. އޫރިދޫ ދިވެހި ލީގުގައި މިއަދު އޮތީ ވަރުގަދަ ދެ މެޗް. ލީގުގެ ދެވަނައިގައި އޮތް ޓީސީ ހަވީރު ނުކުނާނީ ލީގުގެ ހަތަރު ވަނައިގައި އޮތް އީގަލްސްއާއި ދެކޮޅަށެވެ. މިރޭ ލީގުގެ އެއްވަނަ މަގާމުގައި އޮތް ނިއުރޭޑިއަންޓް ނުކުންނާނީ، ތިންވަނައިގައި އޮތް މާޒިޔާއާއި ދެކޮޅަށެވެ.