މުނިފޫހިފިލުވުން

ޝާރިފް ފޭނުންނަށް، ބޭރުގެ ސީރީޒަކުން ވަރަށް އަވަހަށް ފެންނާނެ


ބައިސްކޯފްގެ "އެހެނަސް" ސީރީޒުން ސިނަމާތަކަށް ތައާރަފުވި އަހްމަދު ޝާރިފް އަންނަނީ މި ދައިރާގައި ގިނަ ބައެއްގެ ލޯބި ހޯދަމުންނެވެ. ޝާރިފް މި ވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފައެވެ.

ޕީއެސްއެމްގެ ޓިވީއެމުން ގެނެސްދޭ ފިލްމީ އުދަރެސްގައި ވާހަކަދައްކަމުން ޝާރިފްވަނީ އޭނާ ވަރަށް އަވަހަށް ބޭރުގެ ސީރީޒަކުން ފެންނާނެކަމުގެ ޔަޤީންކަން ފޭނުންނަށް ދީފައެވެ. އެހެންނަމަވެސް ޝާރިފް އަދި ބޭނުންވަނީ އެ ސީރީޒްގެ ވާހަކަ ހަމަ ސަޕްރައިޒެއްގެ ގޮތުގައި ބާއްވާށެވެ.

ހަމައެކަނި ޝާރިފް ބުނިހާވެސް ވާހަކައަކީ އެ ސީރީޒަކީ ޖަރުމަން ސީރީޒެއްކަމާއި ޝާރިފާއި އެކު ނަތާޝާ ޖަލީލްވެސް ދިވެހި ތަރިއެއްގެ ގޮތުގައި އެ ސިރީޒުން ފެންނާނެ ވާހަކައެވެ.

"އެހެނަސް" އިން މަޝްހޫރުކަން ހޯދި ޝާރިފް ފިލްމީ ދައިރާއަށް ނުކުތީ ރިޝްމީއާއި ރަވީގެ ފަރާތުން ލިބުނު ޗާންސެއްގައެވެ. އޭގެކުރިންވެސް ފިލްމީ މަސައްކަތުގައި ކެމެރާގެ ފުރަގަހުގައި މަސައްކަަތްކުރި ޝާރިފްވަނީ ނަހުލާގެ ފިލްމު "ބޮސްް"ގެ ޕޯސްޓް ޕްރޮޑަކްޝަންގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު ފުރަތަމަ ދިން އިންޓަވިއުގައި ވާހަކަދައްކަމުން ޝާރިފް ބުނީ "އެހެނަސް" ގައި ބައިވެރިވާ ހިތްވީ އޭގެ ޕޯސްޓަރު ފެނި ބިރުވެރި ފިލްމެއްކަމަށް ހީކޮށްގެންކަމަށެވެ. އަދި ވަގުތުން ރިޝްމީއަށް ގުޅާ ފިލްމުގައި ބައިވެރިވާ އެދުމުން އޮޑިޝަނަށް އައުމަށް ރިޝްމީ އެދުނުކަމަށްވެސް ޝާރިފް ކިޔާދިނެވެ.

ޝާރިފްގެ ނުކުންނަން ހުރި ސީރީޒްތަކުގެ ތެރޭގައި އޯކޭޒިންކުން މީޑިއާ ނެޓަށް ތައްޔާރުކުރަމުން އަންނަ "ގާލް ޕްރެންޑްސް" އާއި އައި ފިލުމްސްއާއި ކަޒްމިކް އިންޓަރނޭޝަނަލް ގުޅުގެން އުފައްދަމުން އަންނަ "މަލްޒޫމް" އާއި އޭގެ ޗެޕްޓަރ ޓޫ "ޒަރޫކް" ހިމެނެއެވެ.