ޚަބަރު

އަލީ ވަހީދުގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި


ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީޢަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑު އެހުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމުމުން، ޕްރޮސެކިއުޓަރ ޖެނަރަލް އެމައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ބަލައިގަނެފައިވާއިރު، މާދަމާ ހަވީރު 3:15 އަށް މިމައްސަލައިގެ އަޑު އެހުމެއް ވަނީ ތާވަލުކޮށްފައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ބައިވެރިވުމަށް އެދިވަޑައިގެންފައިވަނީ އިންގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. އަދި ކްރިމިނަލް ކޯޓުން މިގޮތަށް ހަމަޖައްސާދެއްވުމުން އިންގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަންގައި އެ މައްސަލައިގެ އަޑުއެހުމެއް އޮންލައިންކޮށް ވަނީ ބާއްވާފައެވެ.

ޕީޖީން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފްކުރީ އެ ގޮތަށް އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެއެވެ.

ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައް ވަނީ މީގެ ކުރިން ވަނީ އަލީ ވަހީދު ހާޒިރުކޮށްގެން ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އެމައްސަލައިގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓައި ދިނުމުގެ އަމުރެއް ނެރެ ދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅިނަމަވެސް ކޯޓުން އަމުރު ނެރުމަށް ވަނީ ދެކޮޅު ހަދާފައެވެ.