ޚަބަރު

އޮކްސިޖަން ނުލިބިގެން ބަޔަކު މަރުވުމުން އިންޑޮނޭޝިޔާގައި އޮކްސިޖަން އުފައްދާ މިންވަރު އިތުރުކުރަނީ


ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް އޮކްސިޖަން އުފައްދާ މިންވަރު އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް އިންޑޮނޭޝިޔާގެ ސަރުކާރުން ބުނެފިއެވެ. އެ ޤައުމުން އެހެން ބުނެފައިވަނީ ކޯވިޑް-19 ޖެހިފައިވާ ބަލިމީހުންނަށް ފަރުވާދެމުންދާ ހަސްފަތާލަކުން އޮކްސިޖަން މަދުވެ 60އަށްވުރެ ގިނަ މީހުން މަރުވުމުންނެވެ.

ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން 4ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ އިންޑޮނޭޝިޔާއިން ދަނީ ކޯވިޑް-19ގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 2.28 މިލިޔަން މީހުންނަށް ބަލިޖެހި 60،582 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 27،233 މީހުންނަށް ބަލިޖެހި 555 މީހުންވަނީ މަރުވެފައެވެ.

އިންސިޖަން ހުސްވެގެން ހިތާމަވެރި ޙާދިޘާއެއް ހިނގާފައިވަނީ އިންޑޮނޭޝިޔާގެ ޖާވާ އައިލެންޑުގައި ހުންނަ ސަރުގިޓޯ ހަސްފަތާލުގައެވެ. އޮކްސިޖަން ނުލިބިގެން އެ ހަސްފަތާލުން 63 މީހުންވަނީ މަރުވެފައެވެ. ނަމަވެސް މަރުވި އެންމެންނަކީ ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ މީހުންކަމެއް ޔަޤީނެއް ނުވެއެވެ. އެ ހާދިޘާއާ ގުޅިގެން އެ ޤައުމުގެ ސަރުކާރުންވަނީ އޮކްސިޖަން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ޤައުމުގެ ގޭސް އުފައްދާ ސިނާޢަތަށް އަންގައިފައެވެ. އަދި މިހާރު ލިބެންހުރި އޮކްސިޖަން ފަހަށް ރައްކާ ނުކޮށް ބޭނުންކުރުމަށް ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ. ސަރުކާރުން ބުނީ އެ ގޮތަށް ޢަމަލުނުކޮށްފިނަމަ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ގިނަ ޢަދަދެއްގެ މީހުންނަށް ބޭނުންވާ އޮކްސިޖަން ލިބުމުން އެ މީހުން މަޙްރޫމުވާނެކަމަށެވެ.

އިންޑޮނޭޝިޔާގައި ކޯވިޑް-19ގެ ކަންކަން ބަލަހައްޓާ ވުޒާރާއިން ބުނީ ޞިއްޙީ ބޭނުމަށް ދުވާލަކު 800 ޓަނުގެ އޮކްސިޖަން އުފެއްދުމަށް ގޭސް އުފައްދާ ސިނާޢަތަށް އަންގާފައިވާނެކަމަށެވެ. އޭގެ އިތުރުންވެސް އަހަރަކު 225،000 ޓަނުގެ އޮކްސިޖަން އުފެއްދުމުގެ ޤާބިލުކަން އެ ސިނާޢަތަށް ލިބިފައިވާކަމަށާއި އެ އޮކްސިޖަންވެސް ބޭނުންކުރެވޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކޯވިޑް-19އާ ދެކޮޅަށް އިންޑޮނޭޝިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޖުލައި މަހުގެ 6ވަނަ ދުވަހުން ފެށިގެން އިތުރަށް ހަރުކަށިކުރުމަށްވަނީ ނިންމައިފައެވެ. އެ ގޮތުން އެ ޤައުމަށް ދަތުރުކުރާ ބޭރު ޤައުމުތަކުގެ މީހުންނަށް އެ ޤައުމަށް އެތެރެވެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމުގެ ލިޔުމެއް ނޫނީ ބަލިނުޖެހޭކަން އަންގައިދޭ ލިޔުމެއް ދެއްކުމުންނެވެ. އެފަދަ ލިޔުމެއް ދެއްކި ނަމަވެސް 8 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭ ގޮތަށް އެ ޤައުމުގެ ސަރުކާރުންވަނީ ކަނޑައަޅައިފައެވެ.