ކުޅިވަރު

މެސީ އަކީ މިޖީލު ދުއް އެންމެ މޮޅު ކުޅުންތެރިޔާ : ސްކެލޯނީ


މިހާރު ދެކުނު އެމެރިކާ ބައްރުގައި ކުރިޔަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ލައޮނަލް މެސީ ދައްކާ ކުޅުމުގެ ސަބަބުން އޭނާއަކީ މި ޖީލު ދުށް އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުވާކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކެލޯނީ ބުނިފެއެވެ. އޭނާ ބުނީ އާޖެންޓީނާ ކުރީގެ މޮޅު ކުޅުންތެރިޔާ ޑިއެގޯ މެރެޑޯނާއަށް ވުރެ މެސީގެ ހުނަރު މޮޅުކަމަށެވެ.

ފުޓްބޯޅައިގަ އާޖެންޓީނަގެ އުފާވެރި ދުވަސްތަކެއް މެސީއާއެކު ހޯދިދާނެކަމަށް މި މުބާރާތުން އޭނާ ސާބިތު ކޮށްދެމުންދާ ކަމަށް ސްކެލޯނީ ބުންޏެވެ. އާޖެންޓީނާގެ ކެޕްޓަން މެސީ ވަނީ އެންމެފަހުން ކުއާޓާފައިނަލުގައި އެކުއާޑޯ ދެކޮޅަށް ކުޅެ ދެލަނޑު ޖެހުމަށް އެހީތެރިވެދީ އިތުރު ލަނޑެއް މެޗުގައި ކާމިޔާބުކޮށްފައެވެ. މެސީ ވަނީ ގައުމީ ޓީމަށް ޖެހި 75 ވަނަ ލަނޑާއެކު އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.

މިހާރު އުމުރުން 34 އަހަރު މެސީއަށް މިއީ ބޮޑުތައްޓެއް ގައުމަށް ކާމިޔާބުކޮއްދިނުމަށް ލިބޭ ފަހު ފުރުސަތެވެ. މުބާރާތުގެ ސެމީފައިނަލުގައި އާޖެންޓީނާ ބުދަދުވަހު ހެނދުނު 6 ޖަހާއިރު ނުކުންނާނީ ކޮލަންބިޔާއާ ދެކޮޅަށެވެ.